ގްރީން ފައިނޭންސާއި މާލީ ރައްކާތެރިކަމަށް ޚާއްޞަކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 މިއަދު ފަށައިފިއެވެ.
މިއީ ރާއްޖޭގައި ބާއްވާ މިފަދަ 13 ވަނަ ފޯރަމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ފޯރަމުގެ ތެރެއިން ރާއްޖޭގެ ގްރީން ފައިނޭންސް މާކެޓު ތަރައްޤީކުރުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓުތައް ހޯދުމާއި، ޤައުމުގެ ދިގު މުއްދަތުގެ އިޤުތިޞާދީ އަދި މާލީ ރައްކާތެރިކަން ވަރުގަދަކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ކޮންމެ އަހަރަކުވެސް ވަކި ޝިއާރަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ފައިނޭންސް ފޯރަމުގެ 13ވަނަ އެޑިޝަން ހާއްސަކޮށްފައިވަނީ ”ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން“ މި ޝިއާރަށެވެ.
މި ޝިއާރުގެ ދަށުން ރާއްޖޭގައި ގްރީން ފައިނޭންސް ކުރިއަރުވައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓުތައް ފަހިކުރުމަށާއި، ވިލުންވެރި ރައްކާތެރި އިޤުތިޞާދެއް ބިނާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރާނެއެވެ. އަދި މިކަމުގައި ޢަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ މައްޗަށް ހޯދުންތަކާއި، މަޢުލޫމާތުގެ އަލީގައި ބިނާކުރަނިވި އައު ޚިޔާލުތައް ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަޤުވާމީ ތަޖުރިބާކާރުން ބައިވެރިވާ މި ފޯރަމުގައި ރާއްޖޭގެ އިޤުތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.



