އެއް އަހަރަށްވުރެ ގިނަ ދުވަސް ވަންދެން މެދުކެނޑުމެއްނެތި ހިމަބިހި ފެތުރުން ހުއްޓުވުމުގައި ނާކާމިޔާބުވުމާ ގުޅިގެން، އެމެރިކާއަށް ދީފައިވާ ހިމަބިހި ނައްތާލެވިފައިވާ ގައުމުގެ ދަރަޖަ ޕޭން އެމެރިކަން ހެލްތު އޯގަނައިޒޭޝަން (ޕާހޯ) އިން ބާތިލުކޮށްފިއެވެ.
ވޯލް ސްޓްރީޓް ޖާނަލްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުމާއެކު އެމެރިކާއިން 2000 ވަނަ އަހަރުން ފެށިގެން ދަމަހައްޓަމުން އައި 26 އަހަރުވީ ކާމިޔާބު ރެކޯޑަށް މިވަނީ ނިމުމެއް އައިސްފައެވެ.
ޕާހޯއިން މި ފިޔަވަޅު އަޅާފައިވަނީ ފާއިތުވި 30 އަހަރުގެ ތެރޭގައި އެމެރިކާގައި ހިމަބިހީގެ ކޭސްތައް ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، 2025 ވަނަ އަހަރުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 7،500 މީހުންނަށް މި ބަލި ޖެހި، 13 މީހަކު ވަނީ މަރުވެފައެވެ. އަދި ހަމައެކަނި 2026 ވަނަ އަހަރުގެ ތެރޭގައިވެސް 5،182 ކޭސް ރިޕޯޓްކޮށްފައިވެއެވެ.
އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ތަފާސްހިސާބުތަކަށް ބިނާކޮށް ޕާހޯއިން މި ނިންމުން ނިންމާފައިވާއިރު، މި ފަހުން ކެނެޑާ، ސްޕެއިން އަދި އިނގިރޭސިވިލާތަށްވެސް ވަނީ މި ދަރަޖަ ގެއްލިފައެވެ. މިކަމާ ގުޅޭގޮތުން ސީޑީސީގެ ޑިރެކްޓަރ ޑރ. އެރިކާ ޝްވާޓްޒް ވިދާޅުވީ، މި ނިންމުމާ ގުޅިގެން ފަސްޖެހުމެއް ނެތި، ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގައުމީ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި، މިއީ އާންމު ސިއްހަތުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި އެމެރިކާ ހޯދާފައިވާ ގަދަރާއި އިތުބާރަށް ލިބުނު ބޮޑު ހީނަރުކަމެކެވެ. އާންމު އުސޫލުން ގައުމަކުން ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ކަމަށް ބެލެވެނީ އެ ގައުމެއްގެ އާބާދީގެ މަދުވެގެން 95 އިންސައްތަ މީހުންނަށް ވެކްސިން ފޯރުކޮށްދެވިގެންނެވެ.
އެހެންކަމުން، މި ދަރަޖަ އަލުން ހޯދުމަށްޓަކައި އެމެރިކާއިން މަދުވެގެން 12 މަސްދުވަހުގެ މުއްދަތަށް، ބަލި އިތުރަށް ފެތުރުނަނުދީ ހިފަހައްޓަން ޖެހޭނެއެވެ.


