އިންޑިއާގެ އާސަމް ސްޓޭޓްގައި ބަހެއް އެކްސިޑެންޓްވެ 24 މީހަކު މަރުވެ، 11 މީހަކު ޒަހަމްވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ވެސް ހިމެނޭ ކަޒިރަންގާ ނެޝަނަލް ޕާކް ސަރަހައްދުގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބަސް ކޮންޓްރޯލުން ނެއްޓި ޓްރަކެއްގައި ޖެހިގެންނެވެ.
ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކޮލެޖް ދަރިވަރުން ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
އެކްސިޑެންޓުގައި ޒަހަމްވި 11 މީހުންނަށް ޖޮރްހަތު މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގައި މިހާރު އަންނަނީ އަވަސް ފަރުވާ ދެމުންނެވެ.
މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ގިނަ އިންޑިއާގައި މިދިޔަ އަހަރުގެ ތެރޭގައި މިފަދަ ހާދިސާތަކުގައި 183,382 މީހުން މަރުވެފައިވެއެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި އިންޑިއާގައި ދުވާލެއްގެ މައްޗަށް މަގުމަތީގެ އެކްސިޑެންޓްތަކުގައި އެވްރެޖްކޮށް 474 މީހުން މަރުވެއެވެ.




