ޕާކިސްތާނުގެ ލާހޯރުގެ ވައި އިންތިހާއަށް ތަޣައްޔަރުވަމުންދާތީ، ދަނޑުތަކުގައި ގަވާއިދާ ހިލާފަށް ކުނި އެންދުމާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް އެ ގައުމުގެ ސަރުކާރުން އިތުރަށް ވަރުގަދަކޮށްފިއެވެ.
ފިނި މޫސުން ފެށުމުގެ ކުރިން ދެކުނު އޭޝިއާގެ ބައެއް ސަރަހައްދުތަކުގެ ވައިގެ ފެންވަރު ކުއްލިއަކަށް ދަށަށް ގޮސްފައިވާއިރު، ދުނިޔޭގައި ވައި އެންމެ ބޮޑަށް ތަޣައްޔަރުވެފައިވާ އެއް ސިޓީގެ ގޮތުގައި ލާހޯރު ވަނީ ރެކޯޑުކުރެވިފައެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ޕާކިސްތާނުގެ ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް ކުނި އަންދާ ފަރާތްތައް ދެނެގަނެ، އެކަން ހުއްޓުވުމަށް ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާލާފައެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ ވައި ތަޣައްޔަރުވުމާ ދެކޮޅަށް މަސައްކަތްކުރުމަށް އެ ގައުމުގައި އުފެއްދި މިފަދަ ފުރަތަމަ ޓާސްކް ފޯސްއެވެ.
މި ޓާސްކް ފޯސުން މިހާރުވެސް ވަނީ ލާހޯރުގެ ބޭރުގައި އޮތް ހަނޑޫދަނޑެއްގައި ރޯކޮށްލި އަލިފާންގަނޑެއް ވަގުތުން އެ ސަރަހައްދަށް ގޮސް ނިއްވާލާފައެވެ. މި ހަފުތާގެ ތެރޭގައި ސްވިސް ގްރޫޕެއް ކަމަށްވާ އައިކިއުއެއާ އިން ވެސް ވަނީ ލާހޯރުގެ ވައިގެ ފެންވަރު ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް ދަށަށް ގޮސްފައިވާކަން ހާމަކޮށްފައެވެ.
އާންމުގޮތެއްގައި ދަނޑުތަކުގައި ގޮވާން ކެނޑުމަށްފަހު ދަނޑުވެރިން ހަނޑުލުގެ ބާކީބައިތައް އަންދައެވެ. މި ކަމުގެ ސަބަބުން އަރާ ދުމާއި، ސިނާއީ މަސައްކަތްތަކުން ބޭރުވާ ގޭސްތަކާއި، ދުއްވާ އެއްޗެހީގެ ދުމުގެ އިތުރުން އިމާރާތްކުރުމުގެ މަސައްކަތުން އަރާ ހިރަފުސް އެއްވެ، ވައިގެ ތަޣައްޔަރުކަން އިންތިހާއަށް މައްޗަށް ދެއެވެ.
ޕަންޖާބުގެ ތިމާވެށި ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޑިޕާޓްމަންޓުގެ ރައިސް ސިލްވަތު ސައީދު ވިދާޅުވީ، މިއަހަރު ސަރުކާރުން 750 މެންބަރުންގެ މައްޗަށް އެކުލެވޭ އަވަސް އިޖާބަދޭ 67 ޔުނިޓެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މި ޓީމުތަކުގެ އަމާޒަކީ ދަނޑެއްގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބޭތާ 10 މިނެޓާއި 15 މިނެޓުގެ ތެރޭގައި އެ ސަރަހައްދަކަށް ގޮސް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެންމެ 24 ގަޑިއިރު ތެރޭގައި ޕަންޖާބުގެ އެކި ސަރަހައްދުތަކުން ދަނޑުތަކުގައި އަލިފާން ރޯވި 679 ހާދިސާއެއް ރިޕޯޓުކުރިއިރު، އޭގެ ތެރެއިން 650 އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
ގަވާއިދާ ހިލާފުވާ ދަނޑުވެރިންނާ މެދު ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. ޕަންޖާބުގެ ދަނޑުވެރިކަމާ ބެހޭ ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ފާރޫގު ވިދާޅުވި ގޮތުގައި، ކުނި އަންދާ ދަނޑުވެރިން އަންދާ ކޮންމެ އޭކަރަކަށް 15،000 ޕާކިސްތާނީ ރުޕީސް (54 ޑޮލަރު) އިން ޖޫރިމަނާކުރެވޭނެއެވެ. އަދި މި ޖޫރިމަނާ ނުދައްކާ ފަރާތްތަކާ މެދު ދައުވާ އުފުލައި، ހަމަސް ދުވަހުގެ ޖަލު ހުކުމެއް އައުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ވައި ތަޣައްޔަރުވުމުގެ ސަބަބުން ލާހޯރުގެ ހަސްފަތާލުތަކަށް ބާރުބޮޑުވެފައިވާއިރު، ޕަންޖާބުގެ ތިމާވެށި ހިމާޔަތްކުރާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ނައްޔާރު ވިދާޅުވީ، ވޭތުވެދިޔަ މަހު ތަޣައްޔަރުވެފައިވާ ވައިގެ ސަބަބުން ކަރުގެ މައްސަލަތަކުގައި ހޮސްފަތާލަށް އެޑްމިޓްކުރި މީހުންގެ އަދަދު ހުރީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހުރި މިންވަރުގެ %69 ގައެވެ.



