ޔަހޫދީންގެ ނިރުބަވެރި ސިފައިން ޣައްޒާއަށް ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި، ޙަމާސް ޖަމާއަތުގެ އަސްކަރީ ގޮފި ކަމަށްވާ އަލް-ޤަސާމް ބްރިގޭޑްސްގެ ރަފަޙް ބްރިގޭޑްގެ ކޮމާންޑަރު، އުމުރުން 53 އަހަރުގެ ސަމީރު އަބޫ ޔޫނުސް ޝަހީދުކޮށްލައިފިއެވެ.
އޭނާއަކީ 7 އޮކްޓޫބަރު 2023 ގައި ޔަހޫދީންނާ ދެކޮޅަށް ދިން ހަމަލާތައް ރޭވުމާއި ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވި ކޮމާންޑަރެކެވެ.
ޙަމާސްގެ އަސްކަރީ ގޮފިން ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި، ހޮނިހިރު ދުވަހު އަބޫ ޔޫނުސް ޝަހީދުވީ ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނުސްގެ އަލް-މަވާސީ ސަރަހައްދުގެ މަގުމަތީގައި ހުންނަވަނިކޮށް، ސީދާ އޭނާއަށް އަމާޒުކޮށް ޔަހޫދީން ދިން ވައިގެ ހަމަލާއެއްގައެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މި ހަމަލާގައި އިތުރު ބަޔަކުވެސް ވަނީ ޒަހަމްވެފައެވެ.
މި ހަމަލާއާ ގުޅިގެން ޔަހޫދީ އަސްކަރިއްޔާއިން ބުނެފައިވަނީ، ޙަމާސްގެ އަސްކަރީ ގޮފީގެ އިސް ކޮމާންޑަރަކަށް އަމާޒުކޮށް ހަމަލާއެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ ހަމަލާ އަމާޒުވި ފަރާތުގެ ވަނަވަރެއް އެ ފަރާތުން ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
އަބޫ ޔޫނުސްއަކީ 1991 ވަނަ އަހަރުން ފެށިގެން ޙަމާސްގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ރަފަޙް ބްރިގޭޑްގެ އެންމެ އިސް ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އަސްކަރީ ގިނަ އޮޕަރޭޝަންތަކެއްގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާގެ ޖަނާޒާގެ ކަންކަން އާދީއްތަ ދުވަހުގެ މެންދުރުފަހު ޚާން ޔޫނުސްގައި ކުރިއަށްދާނެ ކަމަށް ޙަމާސުން ވަނީ ބުނެފައެވެ.
ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، ޔަހޫދީން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. އަދި ޙަމާސްގެ އަތުން ހަތިޔާރު އަތުލުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
ޣައްޒާގެ ސިއްހީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުންވެސް ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްޠީނުގެ 1,600 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ.
އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގެ ފަހުން ޔަހޫދީން މުޅި ޣައްޒާއަށް ދޭންފެށި ހަމަލާތަކުގައި، މިހާތަނަށް ފަލަސްޠީނުގެ 74,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.



