ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އަޑުއުފުލުމަކީ، ދެމެހެއްޓެނިވި ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަމުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ބާއްވާ ”އަހާ“ ފޯރަމްގެ ރޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވަނީ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އަޑުއުފުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ދުނިޔޭގެ މަންސަތަކުގައި ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް މެދުނުކެނޑި މަސައްކަތްކުރަންޖެހޭ ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.
މީގެއިތުރުން ފޮރިން މިނިސްޓަރު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވަމުންދާ ތިމާވެށީގެ ނުރައްކާތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ލިބެމުންދާ ގެއްލުންތަކަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ހޯދުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށެވެ. އެގޮތުން ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެއަކީ އަބަދުވެސް ޒިންމާދާރުކަމާއެކު އިސް ދައުރެއް އަދާކުރަމުންދާ އަދި ތެދުވެރިކަމާއެކު ވަކާލާތު ކުރަމުންދާ ގައުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިމަހުގެ 9 އިން 20 އަށް ތުރުކީގައި ބާއްވާ ކޮޕް 31 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިފަދަ ބޮޑެތި ބައިނަލްއަގުވާމީ ކޮންފަރެންސްތަކާއި ސަމިޓުތަކުގައި ދިވެހިރާއްޖެއިން ހަރަކާތްތެރިވުމަކީ ގައުމުގެ މުސްތަގުބަލަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ ދަތުރުފުޅުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިވެ، ރާއްޖެއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.




