މަރުގެ ހުކުމް ތަންފީޒުކުރުމަށް ބޭނުންވާ ކޮށްޓާއި އިންޖެކްޝަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގެނެވުނު ކަމަށާއި އެ ހުކުމް ތަންފީޒު ނުކުރީ ”ފިނޑިކަމުން“ ކަމުގައި ރައްޔިތުންގެ މަހިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލަށް ބަހުސްކުރައްވަމުންނެވެ.
އެގޮތުން ޝުޖާއު ވިދާޅުވީ ޒުވާނުން ބަދަލު ހިފުމުގެ ރޫހުގައި އެކަކު އަނެކަކު ގަޔަށް ވަޅިޖަހައި ގައުމުގެ އަމަންއަމާންކަން ނަގައިލެވި ދިޔައީ މާތް ﷲ އެންގެވި ގޮތަށް އަމަލުތައް ނުބެހެއްޓުނީމަ ކަމަށާއި ގައުމުގެ ވެރިން ވެސް ފިނޑިވުމުން ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ކަން ހިނގީ އެގޮތަށް ކަމަށް ޝުޖާއު މިއަދު ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ މަރުގެ ހުކުމް ތަންފީޒުކުރާ ކޮށިގަނޑު ވެސް ހެދިއްޖެއޭ، އިންޖެކްޝަން ވެސް ހުރީ ގެނެވިފައޭ، އެކަމަކު ތަންފީޒެއް ނުކުރެވެއޭ. ފިނޑީ އިއްޒަތްތެރި ރައީސް، ވެރިން ފިނޑީ“ ބާރަށު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.




