އެކި ސަބަބުތަކާހެދި ބާޠިލް ކޮށްފައިވާ 25 މަޝްރޫޢަކަށް ދޫކޮށްފައިވާ އެޑްވާންސް ފައިސާގެ ތެރެއިން 136 މިލިއަން ރުފިޔާ ހޯދިފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ހައުސިން މިނިސްޓްރީގެ 2018 އިން 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައެވެ.
އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާގޮތުން 2019 އިން 2023 ވަނަ އަހަރާ ދެމެދެ އެ ވުޒާރާއިން 634 މަޝްރޫޢެއް ހިންގާފައިވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކުރިއަށްގެންދިޔަ މަޝްރޫޢުތަކަށް 23.06 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި އެއާޕޯޓް، ބްރިޖް، ބަނދަރު، މަގުހެދުން، ބޯހިޔާވަހިކަން، ބިންހިއްކުން، ގޮނޑުދޮށް ހިމާޔަތްކުރުން، ފެނާއި ނަރުދަމާ ނިޒާމު އަދި ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި އެހެނިހެން މަޝްރޫޢުތައް ހިމެނެއެވެ.
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި 2019 އިން ފެށިގެން 2023އާ ދެމެދު ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާހެދި ބާޠިލުކޮށްފައިވާ 25 މަޝްރޫޢަކަށް އެޑްވާންސް ފައިސާގެ ގޮތުގައި 180.2 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި މި ފައިސާގެ ތެރެއިން 136.5 މިލިޔަން ރުފިޔާ އަނބުރާ ލިބިފައި ނުވެއެވެ. އެއީ ލިބެންޖެހޭ ފައިސާގެ %76އެވެ. މީގެ ގިނަ މަޝްރޫޢުތަކުގެ އެއްބަސްވުން ބާތިލުކޮށްފައިވަނީ ދައުލަތުގެ ޕޮލިސީ ބަދަލުވުމުންނާއި ކޮންޓްރެކްޓަރުންގެ ޕަރފޯމަންސް ދައްވުމުންކަމަށް އޮޑިޓުން ހާމަވެއެވެ.




