ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުންނަށް އަންނަ ޖެނުއަރީ މަހުން ފެށިގެން މުސާރައާ އިންޝުއަރެންސް ލިބިގެންދާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ގައުމީ ޓީމުތަކަށް ސަރުކާރުންދޭ މުސާރައާ އިންޝުއަރެންސް ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް މިހާތަނަށް ލިބިފައިނުވަނީ، ސަރުކާރުން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާ އޮފިޝަލުންނަށް ދޭ އިނާޔަތުގެ އުސޫލަށް ފުޓްސަލް ޓީމު ނުފެތޭތީއެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި ގައުމީ ފުޓްސަލް ލީގެއް ކުރިއަށް ނުދިޔުމަކީ ފުޓްސަލް ކުޅުންތެރިން މި އިނާޔަތުން ބާކީވި އެއް ސަބަބެވެ.
ދައުލަތުގެ މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ އަންނަ ޖެނުއަރީ މަހުން ފެށިގެން ގައުމީ ފުޓްސަލް ޓީމަށް މުސާރައާ އިންޝުއަރެންސް ލިބިގެންދާނެ ކަމަށެވެ.
”އަޅުގަނޑުމެން މި އަންނަ އަހަރުގެ، ދެން މާގިނަ ދުވަހެއް ނެތް. ޖަނަވަރީން ފެށިގެން މުސާރަ ލިބިގެންދާނެ ފުޓްސަލް ޓީމުގެ ހުރިހާ ކުޅުންތެރިންނަށާއި، އޮފިޝަލުންނަށް. އެކަން އިރާދަކުރެއްވިޔާ އެއޮތީ ކުރެވޭނެ ގޮތައް މަގު ފަހިވެފައި“ މިނިސްޓަރު ވިދާޅުވިއެވެ.




