ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު، ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހަށް ގެންދެވި ދަބަހަކީ އާރަށުގައި ކުޅެން ހުންނަވައިފައި، ކުޅެން ބޭނުންކުރެއްވި ބޫޓާއެކު ގެންނެވި ދަބަހެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު ދާދި ފަހުން ދުބާއީ އަށް ދަތުރެއް ކުރެއްވި ކަމަށާއި އެ ދަތުރަށްފަހު އިއްޔެ މާލެ ވަޑައިގެން ރޭގެ ވަގުތެއްގައި ”ކަޅު ދަބަހަކާއެކު“ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވަނީ ވާހަކަ ފަތުރާފައެވެ. އަދި މުއްތަލިބު ހިންގަވާފައި ވަޑައިގަންނަވާ ވީޑިއޯއެއް ވެސް ވަނީ ދައުރުކޮށްފައެވެ.
އެކަން ހިނގިގޮތް ސާފުކޮށް ދެއްވުމަށް ވިދާޅުވެ، މަޖިލީހުގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއިލް ވިދަޅުވީ އެ ދަބަހުގައި ޑޮލަރު ހުރިކަމަށް ބުނެ ދައްކަނީ މުޅިން ބުހުތާނު ދޮގު ވާހަކަކަތަކެއް ކަމަށެވެ. އަދި އެ ދަބަހުގައި އޮތީ ބޫޓެއްކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
”ރޭގައި ހައުސިން މިނިސްޓަރު މިތަނަށް ކަޅު ދަބަހެއް ހިފައިގެން އައި ވާހަކަ އަޑުގަދަކޮށް ދައްކަވާއިރުގައި އެމަނިކުފާނު އާރަށުގައި ކުޅެން ހުރެފައި ބޫޓާއެކު ގެނައި ދަބަހެއް ދަބަހަކީ، އާރަށުގައި އައިގޮތަށް މިތަނަށް އައީ އަޅުގަނޑުމެންގެ ބައްދަލުވުމަކަށް އައީ. ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކަ.“ މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.



