ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހުޅުވި އެތަންތަނުގައި ކުށްކުރުން މަދުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ، ނ. މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުންނެވެ.
އެގޮތުން އިހުސާން ވިދާޅުވީ މީގެ ކުރިން ޕޮލިސް ސްޓޭޝަންތައް ހުޅުވި ރަށްރަށުން ފެންނަނީ ވަރަށް ރީތި ނަމޫނާއެއް ކަމަށާއި އެ ރަށްރަށުގެ ކުށުގެ މާހައުލު ބަދަލުވެ، ކުށްކުރުން މަދުވެފައިވާ ކަމަށެވެ.
”ހާއްސަކޮށް މި ހިސާބުގައި ގެވެށި އަނިޔާގެ މައްސަލަތަކާ އެއްޗެހި ރިޕޯޓުކުރާވަރު ގިނަ. މި ބާވަތުގެ ކަންކަމަށް ވަރަށް ޕޮޒިޓިވް އިމްޕެކްޓެއް އައިސްފައި އެބަހުރި. ވަރަށް ބޮޑުތަނުން ކުޑަވެފައި އެބަހުރި. އެހެން ރަށްރަށުގައި އަމިއްލަ ސްޓޭޝަން ހަދައިގެން މަސައްކަތް ފެށި ހިސާބުން. އެހެންވީމާ، އަޅުގަނޑު އެދެން މި ރަށުގައި ވެސް އެ ރޫހުގައި މި ރަށުގައި ތިއްބަވާ ފުލުހުން އެ ގޮތުގައި އެ މަސައްކަތްތައް ކޮށްދެއްވުމަށް“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ރައްޔިތުންނާ ގުޅިގެން ވީހާ ވެސް ގާތުން ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ވެސް މިނިސްޓަރު ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.



