ހަކުރުބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ޚާއްސަ ޕެނަލް ޑިސްކަޝަނަކާއެކު، ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ފޯރަމެއް އިއްޔެ ބާއްވައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ، ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް ޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ހެލްތު މިނިސްޓްރީއާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ ގުޅިގެން ”މޯލްޑިވްސް ފޯރަމް އޮން އާލީ އެކްޝަން އޮން ޑައިބެޓީސް 2026″ގެ ނަމުގައި ބޭއްވި ފޯރަމެއް ކަމަށެވެ.
މިއީ ރާއްޖޭގައި ހަކުރުބަލިން ރައްކާތެރިވުމާއި ބަލި އަވަހަށް ދެނެގަތުމާއި ބަލި މެނޭޖުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކަމާގުޅޭ ދާއިރާތަކުގެ ގާތްގަނޑަކަށް 60 ބައިވެރިންގެ ބައިވެރިވުމާއި އެކު ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު ޤީލާއާއި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅައިފައިވާ މަންދޫބު އެމްއެސް ޕޭޑެންއެވެ.
މިނިސްޓްރީން ބުނީ އެ ފޯރަމްގެ ތެރެއިން ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް) ގެ ސީއީއޯ އާއިޝަތު ޝިރުހާނާ އާއި މެޑިކަލް ޑިރެކްޓަރު ޑރ. އާމިނަތު މަލްހާ ސައީދު ޕްރެޒެންޓޭޝަނެއް ދެއްވި ކަމަށެވެ. އަދި ނެޝަނަލް ޑައިބެޓީސް ސެންޓަރު (އެންޑީސީ)ގެ ފަރާތުން އެތެރެހަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު ޑރ. މޫސާ މުރާދު ވެސް ޕްރެޒެންޓޭޝަނެއް ދެެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.



