މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 36 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާއި އަޅާބަލާއިރު %8 އިތުރު އަދަދެކެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބުނު ޑިވިޑެންޑް ނުވަތަ ފައިދާގެ ހިއްސާ މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 654.7 މިލިޔަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ކުންފުނިތަކުގެ ފައިދާގެ ގޮތުގައި ލިބުނު މިންވަރު %61.3 އިތުރުވެ، 1.1 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ ހަފުތާގެ އާމްދަނީ އިތުރުވުމަށް އެންމެ ބޮޑު ބާރަކަށްވީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީ އިން ލިބުނު 572.7 މިލިޔަން ރުފިޔާއާއެކު ސަރުކާރު ކުންފުނިތަކުން ލިބުނު ފައިދާއެވެ.
މީގެއިތުރުން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރުގެ 24.8 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު މިއަހަރު ވަނީ %10.3 ގެ ކުރިއެރުމަކާއެކު 27.4 ބިލިޔަން ރުފިޔާ ލިބިފައެވެ. މީގެ ތެރޭގައި ޖީއެސްޓީ %6.2 އިތުރުވެ، 14.4 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސް %22.9 އިތުރުވެ، ލިބުނު 6.1 ބިލިޔަން ރުފިޔާ ހިމެނެއެވެ.
އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ %13.5 އިތުރުވެ 3.0 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ތެރެއިން މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީ %29.4 އިތުރުވެ 2.3 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ %64.9 އިތުރުވެ 528.2 މިލިޔަން ރުފިޔާއަށް އަރާފައެވެ. ނަމަވެސް، ޓެކްސް ނޫން އާމްދަނީ ވަނީ %1.2 ދަށްވެ 8.1 ބިލިޔަން ރުފިޔާއަށް ތިރިވެފައެވެ.



