މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު އެންމެ ބޮޑުވެގެން ވެސް އުފެދޭނީ 40 ބިލިއަން ރުފިޔާގެ ދަރަނި ކަމަށާއި ލޮލަށް ފެންނަ މަޝްރޫއުތަކަށް ނޫން ގޮތަކަށް ދަރަނި ނަގާ ނަމަ އެއިން ބޮޑެތި ގެއްލުންތައް ވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓާމެދު ބަހުސް ކުރައްވަމުން މެންބަރު ސަލީމް ވިދާޅުވީ މި ސަރުކާރު އައި އިރު ހުރި ދަރަނިތައް ދައްކައިގެން، މިހާތަނަށް އުފެދުނީ 30 ބިލިއަން ރުފިޔާގެ ދަރަނި ކަމަށެވެ.
ބަޖެޓު ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވީ، 2023 ވަނަ އަހަރު ނިމުނު އިރު ބަޖެޓު ދަރަނި ހުރީ ގާތްގަނޑަކަށް 24 ބިލިއަން ރުފިޔާގައި ކަމަށެވެ.
”ލަފާކުރާ ގޮތުން ނަމަ މި ސަރުކާރުން އުފެދިފައި މިއޮތީ ދަރަނި ދެއްކުމާއި ހުރިހާ ދަރަންޏެއް ދައްކައިގެން މިހާތަނަށް ހަގީގަތަށް ދަންނަވާނަމަ ގާތްގަނޑަކަށް 30 ބިލިއަނަށް ދައުލަތުގެ ދަރަނި މި އަންނަ އަހަރު ދާނެ. މާނައަކީ 4 އަހަރު ދުވަހުން މި ސަރުކާރަށް އުފެއްދުނީ އެންމެ 30 ބިލިއަން ރުފިޔާއޭ. އޭގެ މާނައަކީ ފަސް ވަނަ އަހަރަކަށް ދިޔައީމާ އަންނާނީ އެންމެ ބޮޑުވެގެން ވެސް 40 ބިލިއަނަށް“ ސަލީމް ވިދާޅުވިއެވެ.
ބަޖެޓުގެ އަދަދުތަކަށް އިޝާރާތް ކުރައްވަމުން ސަލީމް ވިދާޅުވީ އަންނަ އަހަރު އާމްދަނީގެ ގޮތުގައި 43 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތް އިރު މިއީ މި ފާއިތުވި އަހަރުތަކަށް ވުރެ ބޮޑު އަދަދެއް ކަމަށެވެ. އަދި ރިކަރަންޓު ހަރަދުތައް ވެސް އާމްދަނީ އިން ފުއްދޭނެ ގޮތަށް ބަޖެޓު ފަރުމާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



