ރަސްމާލޭގައި ހިންގާ މަޝްރޫއުއާ ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އިސްލާމީ ހަމަތަކާ ޚިލާފުވާ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ޔަގީންކަން ދެއްވީ އެމަނިކުފާނުގެ ވެރިކަމަށް 156 ހަފްތާ (ތިން އަހަރު) ފުރުމާ ގުޅިގެން މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސަރުކާރުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން، ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މޯލްޑިވްސް ވޯޓާފްރަންޓު އެންޑް މެރީނާ މަޝްރޫއާ ގުޅިގެން ބައެއް ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލާފައެވެ.
އެގޮތުން އެތަން ބޭރުގެ ކުންފުންޏަކަށް ދީފިނަމަ އެތަނުގައި އިސްލާމްދީނާ ޚިލާފު އެތައް އަމަލުތަކެއް އެފަރާތުން ހިންގާފާނެ ކަމަށާއި އެކަމަށް މަގުފަހިވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ބޭރުގެ ކުންފުންޏަކުން ރާއްޖޭގައި އެފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގައިފިނަމަ އެކަމުގެ އަސަރު މި ޤައުމުގެ މިނިވަންކަމަށް ވެސް ކޮށްދާނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެކަމާ ބެހޭގޮތުން ރައީސް މުޢިއްޒު މިރޭ ވިދާޅުވީ ކަންކަމުގެ ހަގީގަތް އޮޅުވާލުމަކީ، ޚާއްސަކޮށް އިދިކޮޅު ފަރާތްތަކުން، ވަރަށް ކުރާކަމެއް ކަމަށެވެ. އަދި މިކަމުގައި ހުރި ހުރިހާ ކަންބޮޑުވުންތަކަކީ ވެސް އެއްވެސް އަސާސެއް ނެތް ކަންބޮޑުވުންތަކެއްކަން މީގެކުރިން ވެސް (މީޑިއާގެ ޒަރީއާއިންވެސް) ދަންނަވާފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ އިސްލާމްދީނާ ޚިލާފުވާ، އިސްލާމްދީނުގެ ހަމަތަކާ ޚިލާފުވާ، އެއްވެސް ކަމެއް މި ސަރުކާރަކުން ނުކުރާނަން. އެ ޔަގީންކަން އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ދެން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާނެ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖެއަށް ނާންނާނެ ކަމަށެވެ.




