ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެތައް ހާސް ހައުސިންގ ޔުނިޓެއް ތަރައްޤީކުރުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާ ކަމަށާއި، ބޯހިޔާވަހިކަމުގެ ދާއިރާއިން ރައްޔިތުންނަށް ގިނަ ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސަރުކާރާ ވެރިކަން ހަވާލުވިއިރު ނުނިމި ހުރި އެތައް ހާސް ފްލެޓެއްގެ މަސައްކަތް ނިންމައި ހަވާލުކުރެވިފައިވާ ކަން ފާހަގަކުރައްވަމުން ވިދާޅުވީ، ކުރީ ސަރުކާރުން ފަށައި ނުނިމި ހުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ވެސް ވައުދާ އެއްގޮތަށް ކުރިއަށް ގެންގޮސް ނިންމުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން ހުޅުމާލެ ފޭސް 3 ގެ މަސައްކަތް ނިމިފައިވާއިރު، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން މަސައްކަތްތަކަށް މެދުކެނޑުމެއް އައި ނަމަވެސް، މިހާރު އެ މަސައްކަތްތައް އަލުން ފެށިގެން ކުރިއަށްދާ ކަމަށް ބަޔާންކުރެއްވިއެވެ.
މީގެއިތުރުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ވެސް ކުރިއަށްދާ ކަމަށާއި، ކުރީ ސަރުކާރުން ދީފައި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ވެސް ވެފައިވާ ވަޢުދާ އެއްގޮތަށް ރައްޔިތުންނާ ހަވާލުކުރަމުންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ކުރިން ފެށިފައި ހުރި މަޝްރޫޢުތަކުގެ އިތުރުން، މި ސަރުކާރުން އަލަށް ފެށި މަޝްރޫޢުތަކުގެ ދަށުން ހުޅުމާލެއާއި ވިލިމާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ހައުސިންގ ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. މާލެ ސަރަހައްދުގައި އަޅާ ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމަށް ކުންފުނިތަކާ ހަވާލުކުރެވި، ބައެއް ކުންފުނިތަކުން ފައުންޑޭޝަން އެޅުމުގެ މަސައްކަތް ނިންމައި އިމާރާތްކުރުމުގެ މަރުޙަލާއަށް ވާސިލުވެފައިވާކަން ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ތަޢާރަފުކޮށްފައިވާ އެފޯޑަބަލް ހައުސިންގ ލޯނު ސްކީމުގެ ދަށުންނާއި، އެހެނިހެން އެކި މަޝްރޫޢުތަކުގެ ދަށުން 4,000 ހައުސިންގ ޔުނިޓްގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.



