ފައިސާގެ ތާށިކަމާ އެކު ބޮޑެތި އުމްރާނީ މަޝްރޫއުތައް މިއަހަރު ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށާއި އެކަމަކު އަންނަ އަހަރު ވާނީ މަޝްރޫއުތައް ”ޑެލިވާ“ ކުރާ އަހަރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފައިސާގެ ތާށިކަމާ އެކު ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް މަޑެޖެހުނީ، މިއަހަރު އިސްކަންދިނީ ދަރަނި ދެއްކުމަށް ކަމަށްވުމުން ކަމަށާއި ހަމަ އެއާއެކު މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވި ދަތިތަކުގެ ބުރަ ރައްޔިތުންނަށް ނުޖެއްސުމަށް ވެސް ސަރުކާރުން ފިޔަވަޅުތައް އަޅަންޖެހުނު ކަމަށެވެ.
އެހެންކަމުން މިއަހަރު ސަރުކާރުން ބޮޑަށް އިސްކަންދޭންޖެހުނީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާތަކުގެ ކަންކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެެހެންވީމާ ބަނދަރު، މަގު ހެދުމާއި ފެނާއި ނަރުދަމާގެ ކަންކަން އަދި ގޮނޑުދޮށް ހިމާޔަތްކުރުން، މިކަހަލަ ބޮޑެތި ކަންކަން މަޑުޖެހިފައި ހުރީ. އަޅުގަނޑު ނުދަންނަވަން އެ ނޫން ވާހަކައެއް ދެއްތޯ. އެއީ ކީއްވެ؟ އިސްކަން މިދިނީ، ތެޔޮ އަގުބޮޑުވެއްޖެ، ޓޫރިސްޓް އެރައިވަލް ދަށްވެއްޖެ. އެހެންވީމާ ރައްޔިތުންނަށް ކޮންމެ ދުވަހުގެ ދިރިއުޅުމުގެ ދަތިތައް ވީ ވަރަކުން ފޯރުނުކޮށް، އިސްކަންދޭންވެގެން އަޅުގަނޑުމެން ބަޖެޓުގެ ފިސްކަލް މެނޭޖުމަންޓު މިގޮތަށް މެނޭޖުކުރީ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.



