ކަޒަކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ހަފުތާއަކު ބޭއްވުމަށް ހުއްދަދީފައިވާ ޝެޑިއުލް ފްލައިޓުތަކުގެ އަދަދު 7 އިން 14 އަށް އިތުރުކުރުމަށް ދެ ޢައުމު ދެމެދު އެއްބަސްވެއްޖެއެވެ.
އެ ޤައުމުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ދެ ގައުމުން ކަނޑައަޅާ އެއާލައިންތަކަށް ހަފުތާއަކު ކުރެވޭ ދަތުރުތަކުގެ އަދަދު ދެގުނަ އިތުރުވެގެންދާނެއެވެ.
މިކަމާ ބެހޭގޮތުން ”ކަޒިންފޯމް ނިއުސް އެޖެންސީން“ ރިޕޯޓުކޮށްފައި ވަނީ މި އެއްބަސްވުމަށް އާދެވުނީ ކެނެޑާގެ މޮންޓްރިއަލްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިސީއޭއޯ) ގެ ހަތްވަނަ ވޯލްޑް އޭވިއޭޝަން ފޯރަމްގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ކަޒަކިސްތާނުގެ ސިވިލް އޭވިއޭޝަން ކޮމިޓީގެ ޗެއާޕާސަން ސަލްތަނަތު ޓޮމްޕިޔޭވާ އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ ޗެއާމަން އަބްދުލް ހާރިސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެގޮތުން މި މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ވައިގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ތަރައްގީކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ފަރާތުން ވާހަކަދެއްކެވި ކަމަށް ކަޒަކިސްތާނުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ބުންޏެވެ. އަދި ބައިނަލްއަގުވާމީ ރޫޓުތައް އިންތިޒާމުކުރުމުގައި އެއާލައިންތަކަށް އިތުރު ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، ”ފިފްތު ފްރީޑަމް އޮފް ދަ އެއާ“ ގެ ހައްގުތަކުގެ ދަށުން ފްލައިޓުތައް އޮޕަރޭޓްކުރުމާ މެދު ވެސް ދެ ފަރާތުން މަޝްވަރާކުރެއްވި ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ކަޒަކިސްތާނުން 2017 ވަނަ އަހަރުން ފެށިގެން ތަންފީޒުކުރަމުންދާ ”އޯޕަން ސްކައިސް“ ސިޔާސަތުގެ ދަށުން، ބޭރުގެ އެއާލައިންތަކަށް އެ ހައްގުތަކާއެކު ދަތުރުކުރުމުގެ ފުރުސަތު ދެއެވެ.
އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ދިވެހިރާއްޖެއަކީ ކަޒަކިސްތާނުގެ ރައްޔިތުންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް މަގުބޫލު މަންޒިލަކަށް ވުމުން، ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރަށް ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ.




