މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމި ނިންމުން ތަންފީޒުކުރުން މަޑުޖައްސައިލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ ހައުސިން މިނިސްޓްރީން މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ނެރުނު އިއުލާނަކާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ހުށަހެޅި މައްސަލައެކެވެ. އެ އިއުލާނުގައި ވަނީ މާލޭގެ އިގްތިސޯދީ އަދި އިޖުތިމާއީ އެންމެ މުހިންމު 14 ސަރަހައްދެއް ދައުލަތުގެ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް ބުނެ ސަރުކާރަށް ނެގުމަށް ނިންމާފައެވެ.
ސަރުކާރުގެ އެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދި ސިޓީ ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.
މި މައްސަލާގައި ސިވިލް ކޯޓުން ނެރުނު ނިންމުމުގައި ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 243 ވަނަ މާއްދާގެ ދަށުން ވަގުތީ އަމުރެއް ނެރެދިނުމުގައި ފުރިހަމަވާންޖެހޭ ގާނޫނީ ރުކުންތައް މި ހާލަތުގައި ފުރިހަމަވެފައި ނުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 56-2 ވަނަ މާއްދާގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކާއެކު ދައުލަތުގެ ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްގެ އިހްތިސާސުން ބިން ވަކިކުރުމުގެ ބާރު ސަރުކާރަށް ލިބިދީފައިވާކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
އިޖުރާއާތުތައް ފުރިހަމަވެފައިވޭތޯ ބެލުމަކީ މައުޟޫއީ ދައުވާގެ ތެރެއިން ގޮތެއް ކަނޑައަޅަންޖެހޭ ކަމެއް ކަމަށާއި، ވަގުތީ އަމުރެއް ނުނެރެދީފިނަމަ މާލީ ގޮތުން ނުވަތަ އެހެން ގޮތަކުން ވިޔަސް އަނބުރާ އިއާދަނުކުރެވޭނެ ފަދަ ދާއިމީ ގެއްލުމެއް ކައުންސިލަށް ލިބިދާނެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށްވެސް ކޯޓުން ކަނޑައެޅިއެވެ.
މީގެއިތުރުން، ސަރުކާރުން ބަޔާންކޮށްފައިވާ އާންމު މަސްލަހަތާއި ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅިގެން ދިއުމާއި ކައުންސިލުން ފާހަގަކުރާ ކަންކަމަށް ރިއާޔަތްކުރާއިރު، މަސްލަހަތު ބުރަވަނީ ވަގުތީ އަމުރު ނުނެރުމުގެ ކޮޅަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަނުވާތީ މާލެ ސިޓީ ކައުންސިލުން އެދުނު ފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.



