މާލޭގެ ދޫހިމެރި މަގު ސަރަހައްދުގައި އުޅޭ ރައްޔިތުންނަށާއި އެ މަގުތަކުން ދަތުރުކުރާ އާންމުންނަށް ތަކުރާރުކޮށް ބޮޑެތި އުނދަގޫތަކެއް ކުރަމުންދާތީ ހައްޔަރު ކުރި މީހާ ޝަރިއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އަހްމަދު ފައިރިޝް ނަމަކަށް ކިޔާ ހއ. ހޯރަފުށީ މީހެކެވެ.
މިދިޔަ މަހުގެ 17ވަނަ ދުވަހު ފައިރިޝް ހައްޔަރުކޮށްފައި ވަނީ، އޭނާގެ ފަރާތުން ލިބެމުންދާ ގޯނާތަކާއި އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެދި އަނިޔާ ލިބޭ އާއިލާއަކަށް ނިސްބަތްވާ އާންމު ރައްޔިތަކު ފުލުސް އޮފީހަށް ގޮސް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރުމާއި ގުޅިގެންނެވެ.
އޭގެ ފަހުން އޭނާ ހައްޔަރުކޮށް ފަރުވާއަށް ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މަރުކަޒަށް ގެންދިއުމުން އެތަނުން އޭނާ ވަނީ ފިލައިފައެވެ. ނަމަވެސް ފުލުހުން ވަނީ ޖެހިގެން އައި ދުވަހު އޭނާ ހޯދާ ހައްޔަރުކޮށްފައެވެ.
އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އިއްޔެ އަމުރުކޮށްފައިވާއިރު، އެ އަމުރުގައި ބުނީ، އޭނާ ބޭއަދަބީ ބަސް ބޭނުންކޮށް، މަގުމަތީގައި ހުރި މީހަކަށް ބިރުދައްކައި އިންޒާރު ދީފައިވާ ކަމަށެވެ.
ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ފައިރިޝްގެ ފަރާތުން އެ ސަރަހައްދުގެ މީހުންނަށް އިންތިހާއަށް އުނދަގޫތައް ވަނީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި މަގުންދާ މީހުންނާ ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔުމާއި، ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ތެޅުމާއި، މަގުމައްޗަށް ސައިކަލުތައް ވައްޓައިގެންނާއި ބޯޑުތައް ދަމައިގެން މަގު ބަންދުކުރުން ހިމެނެއެވެ.
މީގެއިތުރުން، އެ ސަރަހައްދުގެ ގެއަކަށް ކުނިއެޅުމާއި، ބެލްކަނީގައި ހުރެ މަގުމަތިންދާ މީހުންގެ ގަޔަށް ފެނާއި ތެޔޮ އުކުމުގެ އިތުރުން، ދަންވަރުން ފެށިގެން ފަތިސް ވަންދެން ހަޅޭއްލަވައި އަޑުގަދަކުރުމާއި، ހުއްދައަކާ ނުލައި މީހުންގެ އިމާރާތްތަކަށް ވަދެގަތުން ފަދަ ނުރައްކާތެރި އެތައް އަމަލެއް ފައިރިޝް ހިންގާފައިވެއެވެ.



