އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 52 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ބިލު ބަލައިގަތުމަށް ފަހު، އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވަނީ ފޮނުވާފައެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދުއެވެ.
އިމިގްރޭޝަންގެ ޤާނޫނުގައި މިހާރުވެސް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ބަޔާންކޮށްފައި އޮތް ނަމަވެސް، އިސްރާއީލު ޕާސްޕޯޓުގައި މީހުން އެތެރެވުން މަނާކުރެވެނީ ވަކި ހާލަތްތަކަކަށް ރިއާޔަތްކުރުމަށް ފަހުގައެވެ. ނަމަވެސް، އަލަށް ހުށަހެޅި ބިލުގައި އެއްވެސް ހާލަތަކަށް ރިއާޔަތްނުކޮށް، އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭނެ ގޮތަށް މުތުލަގަށް ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ”މޯލްޑިވްސް އިމިގްރޭޝަން“ ގެ ނަމުގައި މަދަނީ ވަކި ޚިދުމަތެއް ޤާއިމުކުރުމެވެ. މީގެ އިތުރުން، އިމިގްރޭޝަންގެ ޚިދުމަތް ހިންގުމުގެ އުސޫލުތަކާއި، ރާއްޖެއަށް މީހުން އައުމާއި ފުރުމާ ގުޅޭ ޚާއްޞަ އަދި ޢާންމު އުސޫލުތައް އެކަށައެޅުމާއި، ދިވެހި ރައްޔިތުންނަށް ޕާސްޕޯޓު ދޫކުރުމުގެ އުސޫލުތައް ކަނޑައެޅުން މި ބިލުގައި ހިމެނެއެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ އިމިގްރޭޝަނާ ގުޅޭ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާނީ ކަމާބެހޭ ވަޒީރެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވެސް ވަރަށް ތަފްޞީލުކޮށް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.



