ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ވިޔާފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.
މި ބައްދަލުވުން ބާއްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެޤައުމުގެ ވިޔަފާރީގެ ގުޅުން ފުޅާކުރެއްވުމަށް އިއުލާން ކުރައްވާފައިވުމާ ގުޅިގެން އިއްޔެއެވެ.
ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ބޭއްވި ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢިދުއެވެ. މި ބައްދަލުވުމުގައި ސަޢީދުގެ އިތުރުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން އެސްޓީއޯ މެނޭޖިން ޑިރެކްޓަރ ޝިމާދް އިބްރާހީމް އަދި އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީޤް އަދި ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ޕާކިސްތާން ތަމްސީލް ކުރައްވާފައިވަނީ އެ ޤައުމުގެ ފެޑެރަލް މިނިސްޓަރ ފޮރ ކޮމާސް ޖަމް ކަމާލް ޚާންއާއި ފެޑެރަލް މިނިސްޓަރ ފޮރ މެރިޓައިމް އެފެއާޒް މުޙައްމަދު ޖުނައިދު އަންވަރު ޗައުދަރީ އަދި އެޤައުމުގެ އިސް އޮފިޝަލުންނެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ މި ބައްދަލުމުގައި، ދެ ޤައުމުގެ ދެމެދު ވިޔަފާރީ ގުޅުން އިތުރަށް ވަރުގަދަކުރެވޭ ގޮތްތަކާއި މެދު މަޝްވަރާކުރެވުނު ކަމަށެވެ. އަދި ދެޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހި ކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.



