މީގެ ހަތަރު އަހަރު ކުރިން ކަނޑަށް ގެއްލުނު ސަ. ހިތަދޫ، މިންހާ / މުޙައްމަދު މިންހާޖް މަރުވެފައިވާކަމަށް ހިތަދޫ ކޯޓުން ކަނޑައަޅައިފިއެވެ.
މިންހާޖް ގެއްލިފައިވަނީ އޮކްޓޫބަރު 5، 2022 ގައެވެ. އެއިރު އޭނާގެ އުމުރުން 29 އަހަރެވެ.
އޭނާގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މާދަމާ ހުކުރު ނަމާދަށްފަހު ސަލްމާން މިސްކިތުގައި އޮންނާނެ ކަމުގައި ”ކަށުނަމާދު“ ޕޭޖުން ވަނީ ހާމަކޮށްފައެވެ.
ގެއްލޭ މީހުން ވަކި މުއްދަތެއްގެ ތެރޭގައި ނުފެންނަ ނަމަ އެއީ މަރުވެފައިވާ މީހެއް ކަމަށް ކަނޑައެޅުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ.
މިންހާޖް ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން 2022 ވަނަ އަހަރުގެ އޮކްޓޫބަރު 15 ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެއިރުގެ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، އެ މަހުގެ ފަސްވަނަ ދުވަހު މިންހާޖަށް ވީނުވީއެއް ނޭނގިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން ވެސް ޖެހިގެން އައި ދުވަހުގެ 13:00 ހާއިރު ރިޕޯޓްކުރި ކަމުގައި ވިދާޅުވިއެވެ. ދެ ފިރިހެނުން ދަތުރުކުރި އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮހުގެ ދެކުނުން ފެނުނީ އެ މަހުގެ ހަތް ވަނަ ދުވަހެވެ.
އެ ލޯންޗުން މިންހާޖާއެކު ދަތުރުކުރި ޅ. ހިންނަވަރު، އަލީ މުހައްމަދު ވަނީ އއ. ފެރިދޫ ފުއްޓަރާ ދިމާލުން ފެނިފައެވެ.
އަލީ މުހައްމަދު ކައިރިން މައުލޫމާތު ސާފުކުރުމަށް ފަހު، މެރިން ޕޮލިހާއި އއ. އަތޮޅުގެ ފުލުހުން ގުޅިގެން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކެއް ފަށައި، ޚާއްސަ ތަހުގީގު ޓީމެއް އެ އަތޮޅަށް ފޮނުވި ކަމަށް ބަޝީރު ވިދާޅުވިއެވެ.
ނަމަވެސް ލޯންޗު ބަންޑުންޖަހާލި ހިސާބާއި އޭގައި ވަރަށް ގިނަ އަދަދަކަށް ތެޔޮ ހުރުން ފަދަ ކަންކަމާ ހުރެ، އަލީ މުހައްމަދުގެ ވާހަކަތަކުގައި ޝައްކުތަކެއް އުޅޭ ކަމަށް ވެސް ބަޝީރު ފާހަގަކުރެއްވިއެވެ.
މިންހާޖް ހޯދުމަށް އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓާއި ކޯސްޓްގާޑްގެ ލޯންޗުން 78 ގަޑިއިރު ވަންދެން ހިންގި އޮޕަރޭޝަން ހުއްޓާލި ނަމަވެސް، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް އޭރު ފުލުހުން ބުންޏެވެ.



