ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ އަދަދު 100،000 އިން މައްޗަށް އަރައި، ރާއްޖޭގެ ސިޔާސީ ތާރީޚުގައި މި އަދަދަށް މެމްބަރުން ހަމަކުރި ފުރަތަމަ ސިޔާސީ ޕާޓީއަކަށް އެ ޕާޓީ ވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި، 19 ނޮވެމްބަރު 2026 ގެ ރޭގަނޑު 22:37 އާ ހަމައަށް ޕީއެންސީގައި 100،083 މެމްބަރުން ރަޖިސްޓްރީވެފައިވެއެވެ.މިއީ ރާއްޖޭގައި މިހާތަނަށް އުފެދުނު ސިޔާސީ ޕާޓީތަކުގެ ތެރެއިން ލައްކައަކަށް ވުރެ ގިނަ މެމްބަރުން ހަމަކުރި ފުރަތަމަ ފަހަރެވެ.
ޕީއެންސީ ރަސްމީކޮށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 31 ޖެނުއަރީ 2019 ގައެވެ.
އީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގަމުންދާ 7 ސިޔާސީ ޕާޓީގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 178،205 އެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ނިސްބަތްވަނީ ޕީއެންސީއަށެވެ. ޕީއެންސީ ފިޔަވައި ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަކީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެ ޕާޓީގައި މިވަގުތު ތިބީ 53،747 މެމްބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ދެން ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީގައި 7،751 މެމްބަރުން ތިބިއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައި ތިބީ 5،749 މެމްބަރުންނެވެ. މީގެ އިތުރުން އަދާލަތު ޕާޓީގައި 5،530 މެމްބަރުން، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގައި 2،809 މެމްބަރުން އަދި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގައި ތިބީ 2،536 މެމްބަރުންނެވެ.
ޕީއެންސީއަށް 100،000 މެމްބަރުން ހަމަވެގެން ގޮސްފައިވާއިރު، އެ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށްޓަކައި އެ ޕާޓީގެ ރިޔާސީ ޓިކެޓު ވަނީ ފާއިތުވި ސެޕްޓެމްބަރު މަހު ރަސްމީކޮށް އެމަނިކުފާނަށް އަރުވާފައެވެ.




