ކުރިއަށް އޮތް 5 ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދުންފުހުގެ އަސަރު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނިގޮތުގައި ދުންފުހުގެ އަސަރު މުޅި ރާއްޖެއަށް މިހާރު ވެސް ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް 5 ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ދުންފުހުގެ ސަބަބުން ވައި ނުސާފުވުމުގެ އަސަރު ފޯރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ހާއްސަކޮށް ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި ކުރިއަށް އޮތް 3 ދުވަހު ދުންފުހުގެ އަސަރު އިތުރަށް ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މެޓުން ފާހަގަކުރެއެވެ.
ވައި ނުސާފުވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ އަދި އެހެނިހެން މައްސަލަތަކުން ރައްކާތެރިވުމުގެ ގޮތުން، ބޭރުތެރޭގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.



