ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލައްކައަކަށްވުރެ ގިނަ މެންބަރުން ހަމަވީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށާއި ސަރުކާރުގެ މިސްރާބަށް ރައްޔިތުންގެ އޮތް އިތުބާރުގެ ސަބަބުން ކަމަށް އެ ޕާޓީން ބުނެފިއެވެ.
ރާއްޖޭގެ ސިޔާސީ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއްލައްކަ މެންބަރުން ހަމަކުރި ޕާޓީގެ ޝަރަފު ޕީއެންސީން ހޯދުމާ ގުޅިގެން، ރައީސް މުޢިއްޒަށާއި ޕާޓީގެ ލީޑާޝިޕް އަދި އާންމު މެންބަރުންނަށް އެ ޕާޓީން ވަނީ ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކޮށްފައެވެ.
އަދި މި ތާރީޚީ ކާމިޔާބީ ހާސިލުކުރުމުގައި ޕާޓީގެ އެންމެހައި މެންބަރުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި، 19 ނޮވެމްބަރު 2026 ގެ ރޭގަނޑު 22:37 އާ ހަމައަށް ޕީއެންސީގައި 100،083 މެންބަރުން ރަޖިސްޓްރީވެފައިވެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް އުފެދުނު ސިޔާސީ ޕާޓީތަކުގެ ތެރެއިން ލައްކައަކަށްވުރެ ގިނަ މެންބަރުން ހަމަކުރި ފުރަތަމަ ފަހަރެވެ.
ޕީއެންސީ ރަސްމީކޮށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 31 ޖެނުއަރީ 2019 ގައެވެ.
އީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގަމުންދާ 7 ސިޔާސީ ޕާޓީގެ ޖުމްލަ މެންބަރުންގެ އަދަދަކީ 178،205 އެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ނިސްބަތްވަނީ ވެރިކަންކުރާ ޕީއެންސީއަށެވެ. ޕީއެންސީ ފިޔަވައި ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަކީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެ ޕާޓީގައި މިވަގުތު ތިބީ 53،747 މެންބަރުންނެވެ.
ދަފްތަރުގައި ދެން ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި 7،751 މެންބަރުން ތިބިއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައި ތިބީ 5،749 މެންބަރުންނެވެ. މީގެ އިތުރުން ޢަދާލަތު ޕާޓީގައި 5،530 މެންބަރުން، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގައި 2،809 މެންބަރުން އަދި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގައި ތިބީ 2،536 މެންބަރުންނެވެ.
ޕީއެންސީއަށް 100،000 މެންބަރުން ހަމަވެގެން ގޮސްފައިވާއިރު، އެ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށްޓަކައި އެ ޕާޓީގެ ރިޔާސީ ޓިކެޓު ވަނީ ފާއިތުވި ސެޕްޓެމްބަރު މަހު ރަސްމީކޮށް އެމަނިކުފާނަށް އަރުވާފައެވެ.



