ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް، އެކުދިންނާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި އެކުދިންގެ އަޑު އެހުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
މިއަހަރުގެ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރަކީ ”މިއީ އަހަރެންގެ ދުވަސް، އަހަރެންގެ ޙައްޤުތައް، އަހަރެންގެ މުސްތަޤުބަލު“ މިއެވެ. ރައީސް ވިދާޅުވީ، މި ޝިއާރުގެ ދަށުން، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށާއި އެކުދިންގެ ދިރިއުޅުމާ ގުޅުންހުރި މުހިންމު ނިންމުންތަކުގައި އެކުދިންގެ އަޑު އިއްވުމަށް ދެވޭ ސަމާލުކަން އިތުރުކުރަންޖެހޭ ކަމަށެވެ.
އަނިޔާއިން ކުދިން ސަލާމަތްކުރުމާއި، އާއިލީ ވެއްޓެއްގައި ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ޞިއްޙީ ފަރުވާއާއި އެންމެން ބައިވެރިކުރާ ތަޢުލީމީ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ތެރަޕީގެ ޚިދުމަތްތަކާއި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދީ، އަނިޔާ ލިބިފައިވާ ކުދިން އަލުން މުޖުތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމުގައި، ދިވެހިރާއްޖެއިން އަބަދުވެސް ބާރުއަޅަނީ ކުޑަކުދިންގެ ބޭނުންތަކަށް އިސްކަންދޭ ސިޔާސަތުތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ދުންފަތް ކޮންޓްރޯލް ކުރުމަށް ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއި، ޑިޖިޓަލް ދުނިޔޭގައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު ފިޔަވަޅުތަކަކީ، ކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ އައު ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޙަޤީޤީ ކުރިއެރުމަކީ ހަމައެކަނި ކުޑަކުދިންނަށް އަމާޒުކޮށް ސިޔާސަތުތައް އެކުލަވައިލުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެކުދިންގެ ތަޖުރިބާތައް އަޑުއަހައި، އެކުދިންގެ ޚިޔާލުތަކަށް އިޙުތިރާމްކޮށް، އެކުދިންގެ މުސްތަޤުބަލު ބިނާކުރުމުގައި އަމަލީ ގޮތުން ބައިވެރިކުރުވުން މުހިންމު ކަމަށް ވިދާޅުވިއެވެ.
އަދި ކުޑަކުދިން އެދޭފަދަ އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.




