ބޭހަށް ނުގުޑާ ޖަރާސީމުތަކުން ރައްކާތެރިވެފައިވާ، ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެންޓިމައިކްރޯބިއަލް އެވެއާނަސް ހަފުތާއާ ގުޅިގެން ދެއްވި މެސެޖެއްގައި ފަސްޓްލޭޑީ ފާހަގަކުރެއްވި ގޮތުގައި، ބޭހަށް ނުގުޑާ ޖަރާސީމުތައް ފެތުރުމަކީ މިހާރު މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ނުރައްކާތެރި ގޮންޖެހުމެކެވެ.
މީގެ ނޭދެވޭ އަސަރު އިންސާނުންގެ ދުޅަހެޔޮކަމުގެ އިތުރުން ދިރޭ ޖަނަވާރުންނާއި، ދަނޑުގޮވާމާއި، މުޅި ތިމާވެއްޓަށްވެސް ކުރިމަތިވަމުންދާކަން އެކަމަނާ ބަޔާންކުރެއްވިއެވެ.
އެންޓިމައިކްރޯބިއަލް ބޭސްތަކަށް ޖަރާސީމު ނުގުޑާ ގޮތްވުމުން ބަލިތަކަށް ފަރުވާ ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވައި، މެޑަމް ސާޖިދާ ވަނީ ޒިންމާދާރުކަމާއެކު އެންޓިބަޔޮޓިކްސް ބޭނުންކުރުމަށާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް ގެންގުޅުމަށް ބާރުއަޅުއްވާފައެވެ. އަދި އަންނަން އޮތް ޖީލުތަކުގެ ސަލާމަތަށްޓަކައި ”ވަން ހެލްތު“ ވިސްނުމުގެ ދަށުން އެންމެން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް އެކަމަނާ ގޮވާލެއްވިއެވެ.
ނޮވެމްބަރު 18 އިން 24 އަށް ފާހަގަކުރާ މިއަހަރުގެ އެންޓިމައިކްރޯބިއަލް ހަފުތާގެ ޝިޢާރަކީ ”ވަން ހެލްތު، ވަން އެކްޝަން: ޕްރިވެންޓް އޭއެމްއާރް ނައު“ އެވެ. މި ހަރަކާތަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިތުރުން އެފްއޭއޯ، ޔޫއެންއީޕީ އަދި ޑަބްލިއުއޯއޭއެޗް ގުޅިގެން، ބެކްޓީރިއާ އާއި ވައިރަސް އަދި ފަންގަސް ފަދަ ޖަރާސީމުތަކާމެދު މުޖުތަމަޢުތައް ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ކެމްޕޭނެކެވެ.
ބޭހަށް ނުގުޑާ ޖަރާސީމުތަކުގެ ސަބަބުން ދުނިޔޭގައި ފުރާނަ ގެއްލޭ މީހުންގެ އަދަދު އިތުރުވަމުންދިއުމާއެކު، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. މިފަދަ ނުރައްކާތަކުން ރައްކާތެރިވުމަށް ރާއްޖެއިންވެސް ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
އެގޮތުން، ”ނޭޝަނަލް އެކްޝަން ޕްލޭން އޮން އެންޓިމައިކްރޯބިއަލް ރެސިސްޓެންސް“ ގެ ނަމުގައި 2024 އިން 2029 ގެ ނިޔަލަށް އެކުލަވާލާފައިވާ ޤައުމީ ޕްލޭންގެ ދަށުން، މުޅި ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.
އަދި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ޤަވާއިދުތަކާއި އުސޫލުތައް ހަރުދަނާކޮށް، ޢަމަލީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މި ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ.



