އިންޑިއާއަށް އަނެއްކާވެސް ބާރުގަދަ ތޫފާނެއް އަރަން ކައިރިވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ބަންދުކޮށް، އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ފަށައިފިއެވެ.
ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި އެ ގައުމުގެ އިރުމަތީ އައްސޭރިފަށަށް ކުރިމަތިވާ ތިންވަނަ ތޫފާން ކަމަށްވާ ”އަކްވާން“ އެއްގަމަށް އެރުމުގެ ކުރިން، އޮޑިޝާ ސްޓޭޓުން އެކަނިވެސް މިހާތަނަށް ވަނީ 47،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
މޫސުމާބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި މި ތޫފާން އޮޑިޝާގެ އިތުރުން، އެ ސްޓޭޓާ އިންވެގެން ދެކުނުގައި އޮންނަ އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އަރާނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ. ތޫފާނާ ގުޅިގެން ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވޭތީ، އޮޑިޝާގެ ޗީފް މިނިސްޓަރުގެ އޮފީހުން ވަނީ އެ ސްޓޭޓްގެ ބައެއް ޑިސްޓްރިކްޓްތަކުގެ ސްކޫލްތަކާއި ޕްރީސްކޫލްތައް ބަންދުކުރުމަށް އަންގައިފައެވެ.
ތޫފާނުގެ ބާރުމިން މިހާރު ކޮންމެވެސް ވަރަކަށް ދަށްވެފައިވާތީ، އަންދްރަ ޕްރަދޭޝްއިން އަދި އެއްވެސް ބަޔަކު ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައި ނުވާ ކަމަށް އެ ސްޓޭޓްގެ ކާރިސާތަކާބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، މި މަހުގެ ކުރީކޮޅު ކުރިމަތިވި ތޫފާން ”މުރާސޫ“ އާ ގުޅިގެން އެ ސްޓޭޓުން ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރިއިރު، އޮކްޓޯބަރު މަހުގެ ފަހުކޮޅު އެރި ތޫފާން ”އަރްނަބް“ ގެ ސަބަބުން ހަ މީހުން ވަނީ މަރުވެފައެވެ.
އިންޑިއާ ސަރުކާރުގެ މޫސުމާބެހޭ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މިއީ 1987 ވަނަ އަހަރަށް ފަހު އެއް މަސްދުވަހުގެ ތެރޭގައި ވިދިވިދިގެން ތިން ތޫފާން އުފެދުނު ފުރަތަމަ ފަހަރެވެ.
އެ އަހަރުގެ ހުޅަނގު މޫސުމަށްފަހު ވެސް ބޭ އޮފް ބެންގާލްގައި ވިދިވިދިގެން ތިން ތޫފާން އުފެދި، އިންޑިއާއަށް އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.




