ރާއްޖޭގައި މެރިކަލްޗަރގެ ސިނާއަތް ވަކި ސިނާއަތެއްގެ ގޮތުގައި އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، އެ މަސައްކަތަށް ޚާއްޞަކޮށްގެން މިހާތަނަށް 13 ސަރަހައްދެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.
ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަހައްދު ކަމަށް ވާއިރު، މި ސަރަހައްދުތަކުން އާންމުންނަށް އެންމެ އެދެވޭ މަންފާ ހޯދައިދިނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ.
މެރިކަލްޗަރ ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ތ. އަތޮޅުން 2 ސަރަހައްދު، މ. އަތޮޅުން 3 ސަރަހައްދު، ފ. އަތޮޅުން 2 ސަރަހައްދު، ދ. އަތޮޅުން 2 ސަރަހައްދު އަދި ގއ. އަތޮޅުން 1 ސަރަހައްދު ހިމެނެއެވެ. މީގެ އިތުރުން ބޮޑުތިލަދުންމައްޗާއި ކ. މަނިޔަފުއްޓާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއް ވެސް ވަނީ މި ސިނާއަތަށް ޚާއްސަކޮށްފައެވެ.
މި ސިނާއަތް ކުރިއެރުވުމަށް އެންމެ މުހިންމު އެއް ކަމަކީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުން ކަމަށް ވާތީ، ސަރުކާރުން ދަނީ ”ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް“ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް 8 ކޯހެއް ކުރިއަށް ގެންގޮސްފައިވާއިރު، ޖުމްލަ 102 ފަރާތަކުން ވަނީ މި ތަމްރީނު ފުރިހަމަކޮށްފައެވެ. ކުރިން އަހަރަކު 2 ޕްރޮގްރާމް ހިންގަމުން އައި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން މި އަހަރުން ފެށިގެން އަހަރަކު 4 ޕްރޮގްރާމް ހިންގުމަށް ނިންމައި، މި އަހަރުގެ 4 ޕްރޮގްރާމް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ސިނާއަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން، ސަރުކާރުގެ މެނިފެސްޓޯ 2023-2028 ގައި ހިމަނައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ.
މި ސިނާއަތް ތަރައްޤީކުރުމަށްޓަކައި ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލުމުގެ އިތުރުން، ވިޔަފާރި އަލަށް ފަށަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމާއި، ޚާއްސަ ލުއިތަކާއެކު ބިމާއި ފަޅުތައް ދޫކުރުމުގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި ”އެސްއެމްއީ ޑިޖިޓަލް“ އާއި ވުޒާރާ ގުޅިގެން ހިންގާ މެރިކަލްޗަރ ސްކީމް ފާހަގަކޮށްލެވެއެވެ.
މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، 2025ވަނަ އަހަރު ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިނާއީ ފެންވަރުގައި މޫދުވިނަ ވަނީ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކޮށްފައެވެ.



