އުމުރުން 75 އަހަރު ނުވަތަ އެއަށް ވުރެ މަތީ އުމުރުގެ މީހުންނަށް ވެސް ބޭންކުން ލޯނު ދޫކުރުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން އިސްނަަގައިގެން ކުރިއަށްގެންދާ ”ރައްޔިތުންގެ އަޑު“ ގެ ރޭގެ ޕްރޮގްރާމުގައި އުމުރުން ދުވަސްވީ މީހަކު ވަނީ ”މުސްކުޅިންނަށް“ ލޯނު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން އޭނާ ބުނީ ”މުސްކުޅި ވިޔަސް، ޒުވާން ވިޔަސް މަރުވާންވީމާ މަރުވާނެ“ ކަމަށާއި ”އެކަމަކު ދުވަސްވީ މީހުން ވެސް ގެ މޯގޭޖްކޮށްގެން ލޯނު ނަގައިފިއްޔާ، ލޯނު ނުދެއްކޭ ހާލަތުގައި ބޭންކަށް ގެ ނެގޭނެ“ ކަމަށެވެ.
ބީއެމްއެލްއިން މިހާރު ލޯނު ދޫކުރާ އެންމެ މަތީ އުމުރަކީ 60 އަހަރެވެ.
އެ މީހާގެ ޝަކުވާއާ ގުޅިގެން ރައީސް ވިދާޅުވީ ކުރިއާ ބަލާއިރު ރާއްޖޭގެ އެވްރެޖް އުމުރު މިހާރު މަތިވެފައިވާ ކަމަށާއި އެހެންކަމުން ލޯނު ދޫކުރުމަށް 60 އަހަރު އެއީ ދަށް އުމުރެއް ކަމަށެވެ.
އެއާ އެކު، ލޯނު ދޫކުރާ އުމުރު 75 އަހަރަށް ނުވަތަ އެއަށް ވުރެ މަތިކުރުމަށް ބޭންކުގައި އާއި ފިނޭންސް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



