ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.
މެޓުން ބުނިގޮތުގައި މިއަދު މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ފޯރަމުންދާއިރު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިކަމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ދެ ކިލޯމީޓަރަށް ދަށްވެފައެވެ.
ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި އަސަރު ދެމިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ވައިގެ ކޮލިޓީ ދައްކުވައިދޭ އެޕެއް ކަމަށްވާ ”އައިކިއު އެއާ“ އިން ދައްކާ ގޮތުގައި މާލޭގެ ވައިގެ ރޭޓިން މިހާރު ހުރީ 170 ގައެވެ. މިއީ އާންމުކޮށް އެންމެންގެ ސިއްހަތަށް ވެސް ނުރައްކާ މިންވަރެކެވެ. މީގެއިތުރުން ކުޅުދުއްފުށި ސިޓީގެ ވައިގެ ކޮލިޓީ 156 ގައި ހުރިއިރު، ފުވައްމުލައް ސިޓީގެ ވައިގެ ކޮލިޓީ ހުރީ 132 ގައެވެ. އަދި އައްޑޫ ސިޓީގެ ވައިގެ ކޮލިޓީ ހުރީ 110 ގައެވެ.
ދުޅަހެޔޮ ވެއްޓެއްގައި ވައިގެ ނުސާފުމިން ހުންނަން ޖެހޭނީ 90 އާއި 130 އާ ދެމެދުގައެވެ. ނަމަވެސް 130 އިން މައްޗަށް އެރުމަކީ އިންސާނާގެ ސިއްހަތަށް ގެއްލުންހުރި މިންވަރެއްގެ ގޮތުގައި ބެލެވެއެވެ.
ވީމާ، ބޭރުގައި ގިނަވަގުތު އުޅޭ ފަރާތްތަކާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ދުރު ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.




