އުރީދޫ މޯލްޑިވްސްއިން މި އަހަރު ބާއްވާ ”އުރީދޫ ފަން ރަން“ އާ ގުޅުވައިގެން ބާއްވާ މިއުޒިކް ޝޯގައި ޕަފޯމް ކުރުމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބިޖީތު ސާވަންތު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.
އުރީދޫއިން ބުނީ، އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި މިއުޒިކް ޝޯގައި އޭނާ ހުށަހަޅައިދޭނެ ކަމަށެވެ.
އުމުރުން 46 އަހަރުގެ އަބިޖީތަކީ 2005 ވަނަ އަހަރު ބޭއްވި މަގުބޫލު ރިއަލިޓީ ޝޯ ”އިންޑިއަން އައިޑޮލް“ ގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ. އިންޑިއަން އައިޑޮލް ކާމިޔާބުކުރި ދުވަސްވަރު ވެސް އަބިޖީތު ވަނީ ރާއްޖެ އައިސް މާލޭގައި ފޯރިގަދަ ޝޯއެއް ދީފައެވެ.
މިހާތަނަށް ހަތަރު އަލްބަމް ނެރެފައިވާ އަބިޖީތު ވަނީ ބޮލީވުޑްގެ ބައެއް މަޝްހޫރު ފިލްމުތަކަށް ވެސް ލަވަ ކިޔައިދީފައެވެ.
ރާއްޖޭގައި ބާއްވާ އެންމެ މަގުބޫލު އަދި އެންމެ ބޮޑު ދުވުމުގެ ހަރަކާތް ކަމަށްވާ އުރީދޫ ފަން ރަން އަކީ ކުލަ އާއި ފޯމާއި މިއުޒިކުގެ އިތުރުން ދުޅަހެޔޮކަމާއި މުނިފޫހިފިލުވުމުގެ ތެރެއިން އެތައް ހާސް ބަޔަކު އެއްތަނަކަށް ޖަމާކޮށްދޭ، ރާއްޖޭގެ އެންމެ ފޯރިގަދަ އެއް އިވެންޓެވެ.




