ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރި 71 ރަށުގެ ތެރެއިން 50 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 19 އޯގަސްޓް 2025 ގައެވެ.
އެޗްޑީސީއިން ބުނީ، މިހާތަނަށް 50 ރަށުގައި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އައުޓްޑޯ ޖިމްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، ބާކީ 21 އައުޓްޑޯ ޖިމްގެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް ނިންމާލުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާ ކަމަށެވެ.
އެގޮތުން، ބައެއް ރަށްތަކަށް އާ އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތާއި، މަރާމާތުކުރަން ޖެހޭ އައުޓްޑޯ ޖިމްތައް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީއިން ބުންޏެވެ.
ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެކެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ މި މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީއިން ކުރިއަށްގެންދާ މި މަސައްކަތުގެ މަގުސަދަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއް އުޅެން މީހުންނަށް ބާރުއެޅުން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.



