ރައްޔިތުންގެ މަޖިލީހުގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 15ގެ ނިޔަލަށް ދިގުދަންމާލަން ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއިން މިގޮތަށް ފާސްކޮށްފައި ވަނީ 42 މެންބަރުންގެ ވޯޓާއެކުގައެވެ. ދައުރު ދިގުދަންމާލަން ނުފެންނަކަމަށް 11 މެންބަރުން ވޯޓުދެއްވިއެވެ.
މަޖިލީހުގެ ދައުރު ދިގުދަންމާލީ ބައެއް މުހިންމު މަސައްކަތްތައް ނުނިމި މަޖިލީހުގައި ހުރުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން މި އަހަރުގެ ފަހު ދައުރު ކުރިއަށްދާނީ އޮކްޓޯބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. އެހެންނަމަވެސް މި ދައުރުގައި މަޖިލީހުން ނިންމަންޖެހޭ މުހިންމުކަންކަން ނުނިމި ހުރިކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ވެސް މުހިންމު މަސައްކަތްތައް ހުރި ނަމަ މަޖިލީހުގެ ދައުރު ދިގުދަންމާލައެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ ދައުރާއި ދެވަނަ ދައުރުވެސް ވަނީ މުއްދަތު އިތުރުކޮށްގެން ކުރިއަށް ގެންގޮސްފައެވެ.
މިހާރު މަޖިލީހުގައި ހުރި މުހިންމު ބިލުތަކުގެ ތެރޭގައި ރިއަލް އެސްޓޭޓުގެ ބިލާއި، ކޯޓުތަކުގެ ޤާނޫނަށް އިސްލާޙުގެނައުން ފަދަ މުހިންމު ބިލްތައް ހިމެނެއެވެ.



