ކޮންޓޭނަރު އުފުލާ ބޯޓު ”އެމްއެސްއެސް ގަލީނާ“ އިން ކޮންޓޭނަރު ބޭލުމުގެ މަސައްކަތް ތިލަފުށީ ކާގޯ ޓާމިނަލްގައި މިއަދު ފަށައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނިގޮތުގައި، މިއީ ތިލަފުއްޓަށް ކޮންޓޭނަރު އުފުލާ އުޅަނދެއް ކައިރިކޮށް، ކޮންޓޭނަރު ބޭލުމުގެ އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.
ތިލަފުއްޓަށް ބަނދަރުކުރި ”އެމްއެސްއެސް ގަލީނާ“ އިން ރާއްޖެއަށް ޖުމްލަ 524 ޓީއީޔޫގެ މުދާ ގެނެސްފައިވާއިރު، އޭގެ ތެރެއިން 490 ޓީއީޔޫ ބޭލުމަށް ހަމަޖެހިފައިވަނީ ތިލަފުށީ ކާގޯ ޓާމިނަލަށެވެ.

އެމްޕީއެލް އިން މި އޮޕަރޭޝަން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވާން ފެށީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެއީ އާންމު ގޮތެއްގައި އައު އަހަރާ ދިމާކޮށް އަދި ރަމަޟާން މަސް ނިމޭތާ އެއް މަސް ދުވަހާ ހަމައަށް ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު އިތުރުވާތީއާއި، ފަތުރުވެރިކަމުގެ ދާއިރާގެ އެނދުތައް އިތުރުވެ އައު ރިސޯޓުތައް ހުޅުވުމާއެކު މުދާ ގެންނަ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭތީއެވެ. މި އިންތިޒާމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ލުޔެއް ލިބި، ވިޔަފާރިވެރިންނަށް އަވަހަށް މުދާ ކްލިއަރ ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލްއިން ބުނީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢުގެ މަސައްކަތްތައްވެސް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ތިލަފުށީ ބަނދަރުގައި އެންމެ ފުރަތަމަ ތަރައްޤީކުރާ 375 މީޓަރުގެ ކީވޯލް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީން އެ މަސައްކަތް ކުރިއަށް ގެންދާއިރު، މި ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލްއިން އިތުރަށް ބުނިގޮތުގައި، އެ ކުންފުނީގެ އަމާޒަކީ، 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ އޮޕަރޭޝަންތަކެއް އެއްކޮށް ތިލަފުއްޓަށް ބަދަލުކޮށް ނިންމުމެވެ.



