އަންނަ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިސްލާމީ ދާއިރާއިން މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިންމުމަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީތައް ހިއްސާކުރެއްވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއިން ގެނެސްދިން ”ހަފްތާ 156“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ ދާއިރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 140 އަށް ވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. މީގެ ތެރޭގައި މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދާ ވަޤުފު އިމާރާތްތަކާއި، މިސްކިތްތައް ބިނާކުރުމާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ތަރައްޤީ ކުރުން ހިމެނެއެވެ. އަދި މިހާރު ކުރިއަށްދާ ހަތް ވަޤުފު އިމާރާތުގެ މަސައްކަތް ދެތިން އަހަރެއްގެ ތެރޭގައި ނިންމައި، އިސްލާމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދޭ މިސްކިތްތައް ބިނާކުރުމަށް އިސްކަންދެން. މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކާއި އެހެން ފަރާތްތަކުގެ އެހީގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދަން. ވަރަށް ގިނަ މިސްކިތްތައް ހިމެނޭ. 11 ވަރަކަށް އިސްލާމީ މަރުކަޒުގެ މަސައްކަތް ހިމެނޭ. ގިނައީ މިސްކިތްތައް. ރައްޔިތުން އެދޭ ކޮންމެ ރަށެއްގައިވެސް ޒަމާނީ މިސްކިތެއް ބިނާކުރުމަށް.“މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވޭނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އަންނަ ރަމަޟާން މަހަށްވެސް 14 ވަރަކަށް މިސްކިތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގައި ހުރި ވަގުތީ މިސްކިތްތަކުގެ ބަދަލުގައި ދާއިމީ އައު މިސްކިތްތައް ބިނާކުރުމަށް އެހީ ލިބިފައިވާ ކަމަށާއި އެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރުގެ އަމާޒުތަކާ ގުޅޭގޮތުން ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ވުޒާރާގެ ދަށުގައި ހުރި ފަންޑުތައް އިތުރަށް ތަރައްޤީކޮށް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދަޢުލަތުގެ ބަޖެޓުން މުވައްޒަފުންގެ މުސާރަ ދިނުން ފިޔަވައި އެހެން ހުރިހާ ޚަރަދެއް އެ ފަންޑުތަކުން ހަމަޖެއްސޭނެ އިންތިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
ޒަކާތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ވޭތުވެދިޔަ ތިން އަހަރަކީ އެންމެ ގިނަ ބަޔަކު ޒަކާތް ދެއްކި އަހަރުތައް ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 115 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



