ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 41 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު (ބިލާލް އާދަމް މަނިކު) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ބިލާލް އާދަމް އަވަހާރަވުމާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެ ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ފުން ހިތާމައަކާއެކު ކަމަށެވެ.
މަރުޙޫމް ބިލާލް އާދަމް އަކީ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ދިފާޢުކުރެއްވުމަށް ސިފައިންގެ މައި މަރުކަޒުގައި ހުންނަވައި ހިތްވަރާއެކު އެންމެ ކުރީ ސަފުގައި ޖިހާދުކުރެއްވި ބޭފުޅެއް ކަމަށާއި އެއީ އެ ދުވަހު ދުޝްމަނުން ސިފައިންގެއަށް ހަމަލާ ދެމުން ދަނިކޮށް ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވައި ދުޝްމަނުންގެ ހަރަކާތްތައް ބެއްލެވުމުގެ ޢަޒުމުގައި ބަހެއްގައި ބޭރަށް ނިކުމެވަޑައިގަތުމަށް އިސްނަންގަވައި ބަހަށް އަރާވަޑައިގެންނެވި ހިތްވަރުގަދަ ބޭފުޅެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.
”އަދި ސިފައިންގެ ޚިދުމަތުގައި ދިވެހި ސިފައިން ތަމްރީނު ކުރެއްވުމުގައާއި، އަސްކަރީ ހެވިކަން ކުރިއެރުއްވުމުގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވި ސިފައިންގެ އިސް އޮފިސަރެއް. ސިފައިންގެ ތަފާތު ޔުނިޓްތައް ހިންގެވި ސިފަވަންތަ ކޮމާންޑަރެއް. މީގެއިތުރުން ސިފައިންގެ ޚިދުމަތުގެ މުއްދަތުގައި ސިފައިން ހިންގާފައިވާ ތަފާތު ގިނަ ޚާއްޞަ އޮޕަރޭޝަންތަކުގައި ޢަމަލީގޮތުން ބައިވެެރިވެ ވަޑައިގެންނެވި އިޚުލާޞްތެރިއެއް.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހިތާމައިގެ މި ވަގުތު، މަހުޙޫމް ކާނަލް (ރިޓަޔަރޑް) ބިލާލް އާދަމް މަނިކުގެ ލޮބުވެތި ޢާއިލާއަށާއި ދިވެހި ސިފައިންނަށް ރަައީސް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.
”މާތް ﷲ ގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ބިލާލް އާދަމް އިބްރާހީމް މަނިކު ލެހެއްޓެވުން އެދި ހެޔޮ ދުޢާކުރަން.“
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ


