ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެސްޓްހައުސް އަދި ސަފާރީ (ލިވްއެބޯޑް) ފައިނޭންސިން ފެސިލިޓީތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލުތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށާއި ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައި ގެނައި ބަދަލުތަކެއް ކަމުގައި ބީއެމްއެލްއިން ބުންޏެވެ.
އެގޮތުން ގެސްޓްހައުސް ފައިނޭންސިންއަށް ގެނައި ބަދަލުތަކާއެކު، މަޝްރޫއުގެ ޖުމްލަ އަގުން އިންވެސްޓްކުރާ ފަރާތުން އަމިއްލައަށް ޚަރަދުކުރަން ޖެހޭ ފައިސާ ނުވަތަ އިކުއިޓީވަނީ 30 އިންސައްތައިން 20 އަށް ދަށްކޮށްފައެވެ. އަދި ފައިނޭންސިން އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށްދީފައި ވެސް ވެއެވެ.
ދެ އަހަރުގެ ގްރޭސް ޕީރިއަޑެއްވެސް ލިބޭ ގޮތަށް ހަމަޖައްސާ ދީފައިވާއިރު، ދިވެހި ރުފިޔާއިން ފައިނޭންސް ނަގައި، ޑޮލަރުން އަނބުރާ ދައްކާ ފަރާތްތަކަށް އަހަރަކު ހަތް ޕަސެންޓުގެ ރޭޓެއް ހަމަޖައްސާފައިވެއެވެ. އަދި ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާ ފައިނޭންސްތަކަށް ކަނޑައަޅާފައިވަނީ ނުވަ ޕަސެންޓެވެ.
މީގެއިތުރުން ލިވްއެބޯޑް ފައިނޭންސިންގެ އިކުއިޓީ ވަނީ 30 އިންސައްތައިން 25 އިންސައްތައަށް ދަށްކޮށްފައެވެ. އަދި އަނބުރާ ދެއްކުމުގެ މުއްދަތު ހަތް އަހަރުން 12 އަހަރަށް އިތުރުކޮށް ގްރޭސް ޕީރިއަޑް އެއް އަހަރުން ދެ އަހަރަށް ވަނީ އިތުރުކޮށްދީފައެވެ. މި ފެސިލިޓީގެ ދަށުން ރުފިޔާއިން ފައިނޭންސް ނަގައި ޑޮލަރުން އަނބުރާ ދައްކާނަމަ އަށް ޕަސެންޓުގެ ރޭޓެއް ކަނޑައަޅާފައިވާއިރު، ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާނަމަ 10 ޕަސެންޓުގެ ރޭޓެއް ލިބޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްއިން ވަނީ ފައިނޭންސް ހޯދުމުގައި ކަސްޓަމަރުންނަށް އެންމެ ބޮޑަށް ދިމާވާ އެއް ދައްޗަކީ އިކުއިޓީ ދެއްކުން ކަމަށްވާތީ، އިކުއިޓީ ބަލާ މިންގަނޑަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން މަޝްރޫއަށް މިހާރުވެސް ކަސްޓަމަރު އަމިއްލައަށް ކޮށްފައިވާ އިންވެސްޓަކީ، އިކުއިޓީގެ ގޮތުގައި ބަލައިގަތުމަށް ބޭންކުން ނިންމާފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ހިމެނޭނީ ބޭންކުން ގަބޫލުކުރާ މިންވަރަށް އަގުކޮށް، ވެރިފިކޭޝަން ޕްރޮސެސްއެއް ނިންމާ އިންވެސްޓްމަންޓްތައް ކަަމަށްވެސް އެ ބޭންކުން ބުނެއެވެ.



