ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން ފަލަސްތީން ފަންޑަށް ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފި އެެވެ.
ސްޓެލްކޯއިން ހަދިޔާކުރި ފަސްލައްކަ ރުފިޔާގެ ރަމްޒީ ޗެކް ހަވާލުކޮށްފައިވަނީ މިހާރު ޕީއެސްއެމްއިން ކުރިޔަށްގެންދާ ”ފަލަޞްޠީނާއެކު ދިވެހީން“ ޓެލެތޯންގެ ތެރެއިންނެވެ. މިއާއެކު، ސްޓެލްކޯވެފައިވަނީ ޓެލެތޯންގެ ތެެރެއިން އެއް ފަހަރާ އެންމެ ގިނަ ފައިސާ ހަދިޔާ ކުރި ކުންފުންޏަށެވެ.
ސްޓެލްކޯއިން ބުނީ ޓެލެތޯނަށް އެކުންފުނީގެ މުވައްޒަފުންގެ ފަރާތުން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފައިވާއިރު، ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ސްޓެލްކޯގެ ހެޑްއޮފީހުގެ ކުރިމަތީގައި ބަހައްޓާފައިވާ ފަންޑުފޮށްޓަށް އެކި ޢަދަދުތަކުން ފައިސާ ޑޮނޭޓްކުރަމުން އަންނަކަމަށެވެ.
”އަޅުގަނޑުމެން، ސްޓެލްކޯގެ މުވައްޒަފުން ސާބިތުކަމާއެކު އަބަދުވެސް ދެމިތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކު.“ ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯގެ އިތުރުން މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ(ޢެމްޑަބްލިއުއެސްސީ) އަދި ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ވަނީ، ކޮންމެ ކުންފުންޏަކުންވެސް އެއް ލައްކަ ރުފިޔާ ފަލަޞްޠީން ފަންޑަށް ހަދިޔާކޮށްފަ އެވެ.
ޕީޕީއެމް-ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުންވެސް ވަނީ ފަލަޞްޠީން ފަންޑަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ. މާލޭގެ 13 ސަރަހައްދެއްގައި ބަހައްޓާފައިވާ ފޮށިތަކަށް ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކާއި މުައައްސަސާތަކުގެ މުވައްޒަފުންނާއި، އާންމުންދަނީ ފައިސާ ޑޮނޭޓް ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިން، ޕީއެސްއެމްއިން އިން އިސްނަގައިގެން ކުރިޔަށްގެންދާ މި ޓެލެތޯން މިއަދު އިފްތިތާހުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ޓެލެތޯން އިފްތިތާހުކޮށްދެއްވުމަށްފަހު އެމަނިކުފާނާއި، އަނބިކަނބަލުން ސާޖިދާ ފަންޑަށް ފައިސާ ހަދިޔާ ކުރެއްވި އެވެ. އަދި އެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވި އެންމެހައި ވަޒީރުންވެސް ފަންޑަށް ފައިސާ ހަދިޔާ ކުރެއްވި އެވެ.
މި ޓެލެތޯންގެ ތެރެއިން، ޓީވީއެމްގައި ބެހެއްްޓިފައި ހުރި ދެފޮށްޓަށް މިރޭ 10:00 ޖަހަންދެން ފައިސާ ޑޯނޭޓް ކުރެވެއެވެ. އަދި މާލޭގެ 11 ސަރަަހައްދެއްގައި ބެހެއްޓިފައިވާ 11 ފޮށްޓަށް ހަވީރު 06:00 ޖަހަންދެން ފައިސާ ޑޮނޭޓް ކުރެވޭނެއެވެ. އަދި، އެހީވާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ދިވެހި ރުފިޔާއިންނާއި އެމެރިކާ ޑޮލަރުން ފައިސާ ޓްރާންސްފަރ ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ.



