އެއް އިޓިއިނަރީއަކުން ގިނަ މަންޒިލްތަކަކަށް އެއްފަހަރާ ޓިކެޓް ނެގޭގޮތަށް މޯލްޑިވިއަން އިން ތައާރަފުކޮށްފައިވާ ”ތުރޫ ފެއާ“ އަށް ބޭރުގެ ދެ މަންޒިލް އިތުރުކޮށްފި އެވެ.
މޯލްޑިވިއަންގެ ”ތުރޫ ފެއާ“ އަކީ މިއަހަރުގެ އެޕްރީލްމަހުގެ 4 ވަނަ ދުވަހު ތައާރަފުކުރި ފެއާ އެކެވެ. މި ފެއާ އަކީ އެ އެއާލައިނުން ފްލައިޓް ބާއްވާ މަންޒިލްތައް ގުޅުވާލައިގެން އެއް އިޓިނިއަރީއަކުން ޓިކެޓް ނެގޭ ގޮތަށް ފަރުމާ ކޮށްފައިވާ ޚިދުމަތެކެވެ. އެޕްރީލްމަހު ”ތުރޫ ފެއާ“ ގައި ހިމަނާފައިވަނީ އެ އެއާލައިނުން ދަތުރުތައް ބާއްވާ 16 ޑޮމެސްޓިިކް އެއާޕޯޓަކާއި ރާއްޖެއިން ބޭރަށް ދަތުރު ކުރާ ތިން މަންޒިލްތައްކަމަށްވާ ބަންގްލަދޭޝްގެ ޑާކާ، އިންޑިއާގެ ބެންގަލޫރް އަދި ސްރީ ލަންކާގެ ކޮލަމްބޯއަށެވެ.
މޯލްޑިވިއަން މިއަދު ބުނީ، ”ތުރޫ ފެއާ“ އަށް އިންޑިއާގެ ދެ މަންޒިލްކަމަށްވާ ޓްރިވެންޑްރަމް އާއި ކޮޗިން އިތުރުކޮށްފައިވާކަމަށެވެ. މިއާއެކު، އެ އެއާލައިނުން ދަތުރުކުރާ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް މަންޒިލްތައް ގުޅުވާލެވުނީކަމަށާއި، މިހާރު ހުރިހައި މަންޒިލަކަށް އެއްފަހަރާ ޓިކެޓް ނެގުމުގެ ފުރުސަތު ފަސިންޖަރުންނަށް ފަހިވެގެން ދިޔައީކަމަށެވެ.
މޯލްޑިވިއަން އިން ބުނީ، ”ތުރޫ ފެއާ“ އަކީ، ފަސިންޖަރުންނަށް ޒަމާނާއި އެއްގޮަތަށް ޚިދުމަތް ދިނުމަށާއި، އަދި އެ އެއާލައިނުން ދަތުރުކުރާ ހުރިހައި މަންޒިލްތަކަށް ލުއި ފަސޭހަގޮތެއްގައި ފަިސިންޖަރުންނަށް ދަތުުރުފަތުރުކުރުމުގެ މަގުފަހި ކުރުމަށް ފެށި ޚިދުމަތެއް ކަމަށެވެ. އެެހެންކަމުން މި ވިއުގައިގެ ދަށުން ޓިކެޓް ބުކްކުރުމަށާއި، ޓިކެޓް ގަތުމަށް ފަސޭހަވެ، ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު، ކަނެކްޓިންގ ފްލައިޓްއިން ދަތުުރުކުރުމަށް އެއްފަހަރާ ޓިކެޓް އެއްވެސް އުދަނގުލެއް ނެތި ނެގޭނެކަަމަށެވެ. އަދި މިފެއާގެ ދަށުން އެތެރެއާއި ބޭރުގެ ދަތުރުތަކުގައިވެސް އެއްވަރަށް ދާގީނާ ގެންދެވޭނެކަމަށްވެސް މޯލްޑިވިއަނުން ބުނެފައި ވެއެވެ.
”ތުރޫ ފެެއާ“ އިން އޮންލައިންކޮށް ޓިކެޓް ގަނެވޭނެއެވެ. އަދި، ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޓިކެޓް އޮންލައިންކޮށް ގަނެވޭނެކަމަށް މޯލްޑިވިއަނުން ބުނެފައި ވެއެވެ.




