ކުޅުދުއްފުށި ސިޓީގައި ޕޯޓަބަލް ބެކަޕް ޖަނަރޭޓަރެއް ބަހައްޓައި ދިނުމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެދިވަޑައިގެންފި އެވެ.
މޭޔަރު މިފަދައިން އެދިވަޑައިގެންނެވީ، ސިޓީ ކައުންސިލާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދާއި، އެކުންފުނީގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމަކީ، ކުޅުދުއްފުށި ސިޓީގައި ފެނަކައިން ފޯރުކޮށްދެމުން އަންނަ ކަރަންޓްގެ ޚިދުމަތަށް ދިމާވަމުންއަންނަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށާއި، ވޯލްޓޭޖް ޑްރޮޕްވާ ސަރަހައްދުތަކުގެ ސަބްސްޓޭޝަން ތަކާއި ކޭބަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަވަސްކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މޭޔަރު ވަނީ، ކުޅުދުއްފުށިި ސިޓީއަކީ ބާރަށް އަރބަނައިޒް ވަމުން އަންނަ ސިޓީއަކަށް ވެފައި، ކޮންމެއަހަރަކުވެސް ކަރަންޓު ބޭނުންކުރާ ނިސްބަތް ބޮޑުތަނުން އިތުރުވަމުންދާތީ، ކަރަންޓްގެ ޚިދުމަތަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އިމާރާތްކުރަން ފަށާފައިވާ 25 މެގަވޯޓްގެ އައު އިންޖީނުގޭގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަވާދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި، އެކި އެކި ސަބަބުތަކާހުރެ ކަރަންޓްގެ ޚިދުމަތަށް ބުރޫއަރާ ހާލަތްތަކުގައި ބޭނުންކުރުމަށް ޕޯޓަބަލް ބެކަޕް ޖަނަރޭޓަރެއް ކުޅުދުއްފުށީ އިންޖީނުގޭގައި ބަހައްޓައިދިނުމަށްވެސް މޭޔަރ އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މުހިންމުކަން މޭޔަރު ވަނީ ފާހަނގަ ކުރައްވާފަ އެވެ.



