ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން ހުށަހެޅުމަށް އެކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.
އެސްޓީއޯއިން ބުނީ، 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައ،ި 2023 ވަނަ އަހަރުގެ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80.00ރ ބަހަން ހުށަހެޅުމަށް، މިއަދު ބޭއްވި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމަށެވެ. މިއީ، މިދިޔަ 17 އަހަރުތެރޭގައި އެ ކުންފުނީގެ ބޯޑުން މިހާ ބޮޑު އަދަދެއް ހިއްސާއަކަށް ދޭން ނިންމި ފުރަތަމަ ފަހަރެވެ. ބޯޑުން މިގޮތަށް ނިންމިނަމަވެސް ހިއްސާގެ ފައިދާ ބަހާނީ އަހަރީ އާންމު ޖަލްސާއިން ހިއްސާދާރުން އެއަދަދު ފާސްކުރުމުންނެވެ.
އެސްޓީއޯއިން ވަނީ، 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ގައި ބައިވެރިވުމަށާއި، 2023 ވަނަ އަހަރުގެ ޑިވިޑެންޑް ބެހުމަށް ރެކޯޑް ނަގާ ތާރީޚަކީ 26 ޖޫން 2024 ވާ ބުދަ ދުވަސް ކަންވެސް އިއުލާނުކޮށްފަ އެވެ. އަދި، މިމަހުގެ 8 ވަނަ ދުވަހު އެ ކުންފުނީގެ ހިއްސާދާރުންނާއި ބައްދަލުކޮށް އަހަރީ ރިޕޯޓް ޕަބްލިޝްކުރުމާއި، އަހަރީ އާންމު ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތައްވެސް ވަނީ ހިއްސާދާރުންނާއި ހިއްސާކޮށްފަ އެވެ.
އެސްޓީއޯއަށް 2023 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2023ވަނަ އަހަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި މިދިޔަ އަހަރު ސާފުފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައި ވެއެވެ.



