ހުޅުމާލޭގެ 3 ވަނަ ފިޔަވަހިން ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މެދުކަނޑާލާފައި އޮތުމަށްފަހު އަނެއްކާވެސް އަލުން އެ މަސައްކަތް ފަށަން ހައުންސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) ތައްޔާރުވާން ފަށައިފި އެވެ.
މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރުމަހު ފަށައިގެން ކުރިޔަށްގެންދަނިކޮށް، މަސައްކަތް މެދުކަނޑާލަންޖެހުނީ، ރާއްޖޭގައި ގައު ހުދުވުމުގެ މައްސަލަ ނުރައްކާ މިންވަރަށް ދިއުމާގުޅިގެން ރައްކާތެރިކަމެއްގެ ފިޔަވަޅެއްގެގޮތުން، ބިން ހިއްކުމުގެ މަޝްރޫޢުތައް މަޑުޖައްސާލުމަށް އެންވަރަޔަމަންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ)ގެ އެންގުމުގެ މަތިންނެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު،އީޕީއޭގެ އިރުޝާދުގެ ދަށުން މަސައްކަތް މެދުކަނޑާލިއިރު، 23 ހެކްޓަރުގެ ބިންވަނީ ހިއްކާ ނިންމާފަ އެވެ.
އެޗްޑީސީން ބުނީ، ބާކީ ހިއްކަން ޖެހޭ 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅު ފަށަން ތައްޔާރުވަމުން އަންނަކަމަށެވެ. ބިން ހިއްކުމަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ އެޗްޑީސީން ވަނީ ބިން ހިއްކާ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް މުހުލަތެއް ދީފަ އެވެ. މިގޮތަށް އުޅަނދުތައް ނަގަން މުހުލަތެއް ދީފައި މިވަނީ، ބިން ހިއްކުމުގެ މަސައްކަތަށް ދަތިވެދާނެތީއާ، ބިން ހިއްކުމުގެ ތެރޭގައި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށް ރައްކާތެރިވުމުގެ ގޮތުންނެވެ.
އެހެންކަމުން ބިން ހިއްކާ ސަރަހައްދުގެ ފަޅު ތެރޭގައި އަޅާފައިވާ އުޅަނދުތައް ޖޫން 23 ވަނަ ދުވަހުގެ ރޭގަނޑު 12:00 ކުރިން ނެގުމަށް އާންމުކޮށް އަންގައި އެޗްޑީސީން ވަނީ އިއުލާނެއް ނެރެފައެވެ. އެއިއުލާނުގައިވާގޮތުންނަމަ، ޖޫން 23 ފަހުން އެ ސަރަހައްދުގައި އުޅަނދުތައް އެޅުމަކީވެސް މަނާކަމެކެވެ. އެޗްޑީސީން ވަނީ މަނާ ސަރަހައްދު ވަކިވާ ހިސާބުން ރަތް ކުލައިގެ ސިލްޓް ސްކްރީނެއް ވެސް އަޅާފަ އެވެ. މަނާ ވަނީ އެ ސިލްޓް ސްކްރީނުގެ އުތުރަށްވާ ސަރަހައްދުގައި އުޅަނދު ބެހެއްޓުމެވެ.

ފޭސް-3ގައި ވެސް ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްދާއިރު، މަސައްކަތަށް ދަތި ވާގޮތަށް އެ ސަރަަހައްދުތަކުގައި އަޅާފައި ހުންނަ އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގަނީ، އުޅަނދުތަކުގެ ވެރިންނަށް ލިބޭ ގެއްލުމުގެ އިތުރަށް، އުޅަނދުތައް އެތާ އަޅާފައި ހުރުމުގެ ސަބަބުން މަސައްކަތް ހުއްޓިއްޖެ ހާލަތެއްގައި އެ ކުންފުންޏަށް ބޮޑެތި މާލީ ގެއްލުންތަކެއްވެދާނެތީ، ކުރިޔާލާ ފިޔަވަޅު އެޅުމުގެ ގޮތުންވެސް މެއެވެ.
ފޭސް-3ގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށްގެންދަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ(ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ. ފޭސް-3 ތަރައްގީކުރަނީ ސިނާއީ، އިގުތިސާދީ އަދި އިޖުތިމާއީ ބޭނުންތަކަށް ފަހިވާގޮތަށްކަމަށް ސަރުކާރުން މީގެކުރިން ބުނެފައި ވެއެވެ.



