އިރާންގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ، އެހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ތިބި 9 ބަލި މީހަކު މަރުވެއްޖެއެވެ.
އިރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރާގޮތުގައި، އަލިފާން ރޯވީ ވެރިރަށް ތެހެރާން ހުޅަނގު އުތުރުން 330 ކިލޯމީޓަރު ދުުރުގައި އޮންނަ ރަޝްތު ސިޓީގެ ގާއިމު ހޮސްޕިޓަލުގައެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު އެ ހޮސްޕިޓަލުގައި 142 މީހުން އެނދުމަތިކޮށްގެން ފަރުވާދެމުން ގެންދިޔަކަމަށާއި، މަރުވީ އައިސީޔޫގައި ފަރުވާދެމުންދިޔަ 33 މީހުންގެ ތެރެއިން 9 މީހުންކަމަށް ރިޕޯޓްކޮށްފައި ވެއެވެ. މަރުވެފައިވަނީ، 6 އަންހެނުންނާއި 3 ފިރިހެނުންނެވެ.
އަލިފާން ރޯވެ ދުމުގެ އަސަރުކޮށްގެން އިމަޖެންސީ ޚިދުމަތްދޭ ފަރާތްތަކުން 140 މީހުން ސަލާމަތްކޮށްފައިވާއިރު މީގެތެރެއިން 120 މީހަކަށް އެ ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދީފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަލިފާން ރޯވި ހޮސްޕިޓަލް އާންމު ހާލަަތަކަށް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ރަޝްތު ސިޓީގެ ފަޔަރ ޑިޕާޓްމެންޓްގެ އިސްވެރިޔާ، ޝާހްރާމް މޯމެނީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެ ހޮސްޕިޓަލްގެ ބޭސްމެންޓުގައި ކަރަންޓް ޝޯޓެއް ވެގެންނެވެ. ރޭ ދަންވަރު ހިނގި މިހާދިސާ އިރާނުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.



