ހުޅުމާލޭގެ ފޭސް-3ގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، ނުހިއްކާ އޮތް ސަރަޙައްދު އަންނަ ހަފުތާކުރީކޮޅު ހިއްކަން ފަށާނެކަމަށް، މަޝްރޫއުގެ ކޮންޓްރެކްޓަރ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ(ސީއެމްސީ)އިން ބުނެފި އެވެ.
ފޭސް-3ގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓާލާފައިވަނީ، ރާއްޖޭގައި ގައު ހުދުވުމުގެ މައްސަލަ ނުރައްކާ މިންވަރަށް ދިއުމާގުޅިގެން ރައްކާތެރިކަމެއްގެ ފިޔަވަޅެއްގެގޮތުން، ބިން ހިއްކުމުގެ މަޝްރޫޢުތައް މަޑުޖައްސާލުމަށް އެންވަރަޔަމަންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ)އިން އެންގުމުންނެވެ.
ސީއެމްސީން ބުނީ، އީޕީއޭއިން އިރުޝާދުގެ މަތީން މަސައްކަތް މެދުކަނޑާލާފައި އޮތުމަށް ފަހު، އަލުން މަޝްރޫއުގެ މަސައްކަތް ކުރިޔަށްގެންދެވޭގޮތްވެފައިވާތީ، އަންނަ ހަފުތާގެ ކުރީކޮޅު މަޝްރޫއުގެ މަސައްކަތް އަލުން ފަށަން އެކުންފުނިން ނިންމާފައިވާކަމަށެވެ. ސީއެމްސީން މިހާރު ވަނީ ބިން ހިއްކަން ފެށުމުގެ ގޮތުން ވާންޖެހޭ ހުރިހައި ތައްޔާރީތައް ވެފައެވެ.
ސީއެމްސީއަށް، މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހޭއިރު، މަޝްރޫގެ މަސައްކަތް ކުރިޔަށްގެންދަނީ ތިން ސަރަހައްދަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސަރަހައްދުގައި ހިމެނޭ 10 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާއިރު، މަސައްކަތް މެދުކަނޑާލިއިރު ވަނީ ދެވަނަ ސަރަހައްދުން ހިއްކަން ހަމަޖެހިފައިވާ 29 ހެކްޓަރުގެ ތެރެއިން 13 ހެކްޓަރުގެ ސަރަހައްދެއްވެސް ހިއްކާފަ އެވެ. އެހެން ކަމުން، އަލަށް މަސައްކަތް ފަށާއިރު ދެވަނަ ސަރަހައްދުގެ ބާކީ 16 ހެކްޓަރާއި، ތިން ވަނަ ފިޔަވަހީގައި ހިމެނޭ 24 ހެކްޓަރުގެ ބިންހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެކި ސަބަބުތަކާހުރެ، މަސައްކަތް ކުރިޔަށް ގެންދިއުމުގައި ހުރި ދަތިތަކުގެ ސަބަބުން ކުރިން ތިން ވަނަ ފިޔަވަހީގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީޚަށް ނުނިންމިދާނެކަމަށް ސީއެމްސީން ބުނެފައި ވެއެވެ.
ސީއެމްސީން މަސައްކަތް އަލަން ފަށަން ނިންމުމާއި ގުޅިގެން ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(ޢެޗްޑީސީ)އިން ވަނީ، މަސައްކަތް ފަށަން ނިންމާފައިވާ ދުވަހުގެ ނިޔަލަށް، ބިން ހިއްކާ ސަރަހައްދުތަކުގެ ފަށުތެރޭގައި ހުރި އުޅަނދުތައް ނަގަން އަންގައި، އަދި ބިން ހިއްކުން ކުރިޔަށްދާ ދުވަސްވަރު އެ ސަރަހައްދުގައި އުޅަނދުތައް އެޅުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހު އެވެ.



