މާލެ ސަރަހައްދަށް މޫސުން ގޯސްވެ ފުރަމާލެ ސަރަހައްދުގެ ބައެއް ފެރީ ދަތުރުތައް މެދުކަނޑާލައިފި އެވެ.
ފެރީ ދަތުރުތައް އޮޕަރޭޓްކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައާ ގުޅިގެން ފުރަމާލެ ސަރަހައްދުގެ ފެރީގެ ޚިދުމަތަށް ބުރޫ އެރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އެގޮތުން، މާލެ-ވިލިމާލެ އަދި މާލެ-ހުޅުމާލެ ރޫޓްގެ ދަތުރުތައް މިހާރު ވަގުތީ ގޮތުން މެދު ކަނޑާލާފައިވާކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
އެމްޓީސީސީން ވަނީ މޫސުމާބެހޭ އިދާރާތަކާއި، ސަލާމަތީ ބާރުތަކުން ނެރޭ އިރުޝާދުތަކާ އެއްގޮތަށް ރައްކާތެރިކަން އިސްކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރުތަކާ ބޭހޭ ގޮތުން އިތުރު މައުލޫމާތު ކަސްޓަމަރުން ބޭނުންވާނަމަ އެ ކުންފުނީގެ ހޮޓްލައިން 1650އަށް ގުޅައި މައުލޫމާތު ހޯދުމަށް އެމްޓީސީސީން އެދިފައި ވެއެވެ.
މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮތީ މާލެ ސަރަހައްދަށް 18:00 އިން މިރޭ 22:00 އާ ހަމަޔަށް ޔެލޯ އެލާޓް ނެރެފައެވެ. އެ އެލާޓުގައި، މާލެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
މެޓް އޮފީހުން ބުނީ، މޫސުން ރަނގަޅުވާން ފަށާނީ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ. އަދި، އެއަށްފަހުވެސް ވައި ގަދަވާނެ ކަމަށާއި، ވައި މަޑުވާން ފަށާނީ ބުދަ ދުވަހުން ފެށިގެން ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.



