މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް(އޭއެފްސީ)ގެ އޮޕަރޭޝަން މެދުކަނޑާލާފައިވާކަމަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
މަސްވެރިންގެ ޕެންޑިންގ ބިލުތަކަށް ފައިސާ ނުދައްކާތީ އެކަމާއި ހިތްހަމަނުޖެހިގެން އައްޑޫއަށް ނިސްބަތްވާ މަސްވެރިން އޭއެފްސީއަށް ވަދެ އިހުތިޖާޖުކުރަން ފެށި ހުކުރުދުވަހު މެންދުރު ފަހު އެވެ. އިއްޔެގެ އިހުތިޖާޖުގެ ތެެރެއިން މަސްވެރިން އޭއެފްސީން ކަރަންޓް ކަނޑާލީ މެންދުރު 02:40 ގަ އެވެ. އަލުން ކަރަންޓްދިނީ ހަވީރު 05:09 ގައެވެ. އެހާތަނަށް ހުރިހައި ސިސްޓެމްތައް ވަނީ ނިއްވާފަ އެވެ. އަދި އިއްޔެ ހަވީރު 05:09 އިން ފެށިގެން މިހާތަނަށް އާއިރުވެސް އޭއެފްސީގެ އެކޮމަޑޭޝަން އަދި އެޑްމިން ބްލޮކްއާއި، މިސްކިތާއި، ކެފެޓޭރިއާއަށް ކަރަންޓް ދޫކޮށްފައެއް ނުވެއެވެ. މިފްކޯއިން ބުނަނީ ކަރަންޓް ނުދެނީ މަސްވެރިންގެ ޑިމާންޑާހެދި ކަމަށެވެ.
”އިއްޔެގެ އިހުތިޖާޖުގަ މަސްވެރިން ވަނީ، ސްޓާފް ކެންޓީން ލޮކް ކޮށްފަ ހުއްޓާ ކުޑަދޮރުން ވަދެ ތަނުގަ ހުރި ފުޑް ސަޕްލައި ބޭނުންކޮށްފަ. އަދި އެކޮމަޑޭޝަން ބްލޮކްއިން ކަރަންޓް ކަނޑާލުމުގެ ސަބަބުން ރެއިން ފެށިގެން އޭއެފްސީ މުވައްޒަފުން ނިދަނީ ބޭރުގަ ސަތަރި އަޅައިގެން. އަދި މުވައްޒަފުންގެ ޒަރޫރީ ބޭނުންތައް ވަނީ ނުފުދިފަ. ކެއިން ބުއިމާއި ފާހާނާކުރުން ފަދަ ކަންކަން.“ މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން މިއަދު ބުނީ، އިހުތިޖާޖު ކުރިޔަށްދާތީ އޭއެފްސީގެ އޮަޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަމަށެވެ. އަދި މިއަދު ހަވީރު 4 ގެ ފަހުން އޭއެފްސީއިން މުވައްޒަފުން ނެރެ، އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ސައިޓް ގެންނާނޭކަމުގެ އިންޒާރު އިހުތިޖާޖުގެ ބައިވެރިން ދީފައިވާތީ އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވިނަމަވެސް، އިހުތިޖާޖަށް އެއްވެސް ހުރަހެއް އެޅުމަށް މިފްކޯއިން ނިންމާފައި ނުވާކަމަށެވެ. އެހެންނަމަވެސް އިހުތިޖާޖު ސަބަބުން އޭއެފްސީ އޮޕަރޭޝަނަށް ދަތިވާތީ އޭއެފްސީގެ އޮަޕަރޭޝަން އަލުން ފަށްޓާނެ ވަގުތެއް އަދި ބުނަން ދަތިކަށް މިފްކޯއިން ބުންޏެވެ.
”ރޭގަ ފުލުހުންގެ އެދުމުގެ މަތިން އޭއެފްސީއަށް ކަރަންޓް ދިނުމުން މަސްލަހަތު ގެއްލި ތަނާއި މުދަލަށާއި، ތަނުގެ މުވައްޒަފުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެފަދަ ހާލަތަކަށް ކަންކަން ހިނގައިދާނެކަމަށް ކުންފުންޏަށް ގަބޫލުކުރެވުމުން ކަރަންޓް ފަހުން ޖެހުނީ ކަނޑާލަން. މަސްވެރިންގެ ޑިމާންޑަކީ އެކޮމަޑޭޝަން، އެޑްމިން ބިލްޑިންގ، ކެފެޓޭރިއާ ޕަވަރ އޮފް ކޮށްފަ ބެހެއްޓުން. މީގެ އިތުރުން މަސްވެރިންގެ ޑިމާންޑަކީ ޕެންޑިންގ ޕެއިންމެންޓް ވީ އެންމެ އަވަސް މުއްދަތެއްގެތެރޭގައި ދެއްކުން.“ މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން ބުނީ، މަސްވެރިން ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރިޔަށްގެންދިއުމަކުން މައްސަލައެއް ނެތްކަމަށެވެ. އަދި އެކަމަށް ހުރަސްވެސް ނާޅާނެކަމަށެވެ. އެހެންނަމަވެސް، އިހުތިޖާޖު ކުރިޔަށްގެންދާއިރު، އޭއެފްސީގެ މުވައްޒަފުންގެ އިންސާނީ ކަރާމާތަށާއި، ޒަރޫރީ ބޭނުންތަކަށް އުނިކަން އަންނަފަދަ ކަންކަން ނުކުރުމަށް މިފްކޯއިން އެދިފައި ވެއެވެ. މިފްކޯއިން ބުނީ، މުވައްޒަފުންގެ ހައްގުގައި އެ ކުންފުނިން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކަމާބެހޭ ފަރާތްތަކައި ގުޅިގެން ކުރަމުންދާނެކަމަށެވެ. އޭއެފްސީގައި ދިވެހިންނާއި ބިދޭސީން ހިމެނޭގޮތަށް 100އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން އަންނައިރު، މިފްކޯގެ އެޗްއާރް ޑިޕާޓްމެންޓުންދަނީ ވަރަށް ގާތުން މުވައްޒަފުންގެ ކަންކަން ބަލަމުންނެވެ.
”ކުންފުނީގެ މުދަލާއި މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކީ މުޅި ސިނާއަތަށްވެސް ލިބިދާނެ ދެރައެއް.“ މިފްކޯއިން ބުނެފައި ވެއެވެ.
މަސްވެރިން ހުކުރު ދުވަހު މުޒާހަރާ ކުރަން ފެށީ މަސްވެރިންނަށް ދޭން ހުރި ފައިސާ މިފްކޯއިން ބަރާބަރަށް ދެމުން ނުދާކަމަށް ބުނެއެވެ. އެހެންނަމަވެސް މިފްކޯއިން ބުނީ، އީދު ބަންދަށް 46 މިލިއަން ރުފިޔާ ދޫކޮށް، ހުޅުވޭ ހަފުތާގައި ޕެންޑިންގ ޕެއިމެންޓް ކްލިއަ ކުުރުމާމެދު ހެދޭނެ ގޮތެއް ބަލައި، ސަރުކާރާއެކު މަޝްވަރާކޮށްގެން ގޮތެއް ހޯދާނެކަމަށް ބުނެފައިވާކަމަށެވެ. އެގޮތުގެ މަތިން އޮޑިވެރިންނަށް މިހާތަނަށް ނުދެއްކިވާ ފައިސާ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ދޫކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް މިފްކޯއިން ބުނެފައި ވެއެވެ.






