މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)އިން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ 2 ވަނަ ފޯރަމް މިއަދު ފަށައިފި އެވެ.
އެމްއޭސީއެލް އާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވައިރަމެންޓް އެންޑް އެނަރޖީއާއި ހެލްތް ޕްރޮޓްކްޝަން އެޖެންސީ ގުޅިގެން ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ކުރިއަށް ގެންދާ މިފޯރަމްގައި ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާތަކާއި ގިނައަދަދެއްގެ އާންމުން ބައިވެރިވެފައިވާކަމަށް އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ އޮފް އޮކިއުޕޭޝަނަލް ސޭފްޓީ ހެލްތް އެންޑް އެންވައިރަމެންޓް މުޙައްމަދު ޢަބްދުﷲ ވިދާޅުވި އެވެ.
މިއަދު ހެނދުނު ފެށި މިފޯރަމްގެ ޕެނަލިސްޓުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަކީ އެކިއެކި ދާއިތާތަކުގެ ތަޖުރިބާކާރުންނަށް ވުމުން މިފޯރަމްގައި ބައިވެރިވާ މުއައްސަސާތަކަށާއި އާންމުންނަށް ވަރަށް ފުރިހަމަ މަޢުލޫމާތުތަކެއް ލިބި ކޮންމެ އިދާރާއަކުންވެސް އެއިދާރާއެއްގެ މަސައްކަތްތެރިންގެ ސަލާމަތާއި ޞިއްޙީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއްދެއްވަން މަސައްކަތްކުރުމަށް މަގުފަހިވެގެން ދާނެކަމަށް މިފޯރަމް އިންތިޒާމް ކުރެއްވި ފަރާތުން ވިދާޅުވި އެވެ.
މިފޯރަމްގެ އެއް މަގްސަދަކީ މިއަހަރު ޖަނަވަރީ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރެއްވި ޤާނޫނު ނަމްބަރު 2023/09 މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނަށް މުއައްސަސާތަކާއި އާންމުން ހޭލުންތެރި ކުރުވުންކަމަށް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.
މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުގެ މަގުސަދުގެ ތެރޭގައި މަސައްކަތުގެ މާޙައުލަކީ މަސައްކަތްކުރާ ފަރާތްތަކާއި މަސައްކަތުގެ މާޙައުލުގައި ޙަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކަށް ޞިއްޙީގޮތުން ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރުމަށްޓަކައި ހަމަހަމަ އަދި ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމާއި މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ރަށު ފެންވަރުގައި އަދި ސިޓީ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކޮށްދެވޭނެ ހަމަތައް ބަޔާންކޮށް ރަށް އަދި ސިޓީ ކައިންސިލްއަށް މަތިކޮށްފައިވާ ޒިންމާތަށް ބަޔާންކޮށްފައި ވެއެވެ.
މިފަހަރުގެ ފޯރަމްގެ ޝިޔާރަކީ ”މޫސުމީ ބަދަލުތަކާ މަސައްކަތުގެ މާހައުލުގެ ސަލާމަތާ ޞިއްޙަތު“ އެވެ.



