ވޭތުވެ ދިޔަ 7 މަސްތެރޭގައި، ފައިސާ ޗާޕުނުކޮށް، ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާގެ ދަރަނި މި ސަރުކާރުން ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޭ މާލޭގައި ޕީއެންސީގެ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ޖުމްލަ 13 ބިލިއަނެއްހާ ރުފިޔާގެ ދަރަނި ދައްކާފައިވާ ކަމަށާއި، އެކަން ކޮށްފައިވަނީ ބޮޑެތި އިންޓަރެސްޓު ރޭޓުގައި ލޯނުތައް ނުނަގާ، ފައިސާ ޗާޕުނުކޮށް ކަމަށެވެ.
މިދިޔަ 40 އަހަރު ތެރޭގައި ފައިސާ ޗާޕު ނުކުރާހާ ގިނައިން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފައިސާ ޗާޕުކޮށްފައިވާ ކަމަށް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ފައިސާ ޗާޕު ކުރުމަކީ ފަސޭހަ މަގެއް ކަމައްވިޔަސް، އެ ކަން އެ މަނިކުފާނު ނުކުރައްވާނެ ކަމަށެވެ.
“ ފައިސާ ޗާޕުކޮށްލުމަކީ ފަސޭހަ ކަމެއް، އެއީ ޝޯޓުކަޓެއް. ނަމަވެސް އެ ޝޯޓުކަޓުން ގޮސްގެން ދުވަސް ނިމޭނީ މާ ފުން އަނދަވަޅަކަށް ވެއްޓިގެން. އަޅުގަނޑުމެން އެކަމެއް ނުކުރާނަން “ – ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމަށް ކުރިމަތި ލައްވާ، އިއުލާނު ކުރެއްވި މެނިފެސްޓޯގައި އޮތް އިޤުތިސާދީ އެޖެންޑާގެ މަސައްކަތުގެ ނަތީޖާ އިރާދަ ކުރެއްވިޔާ ވަރަށް ރަނގަޅު ކަމަށެވެ. އަދި އެ މެނިފެސްޓޯގެ ތެރެއިން އެންމެ މުހިންމު ވައުދަކަށްވީ ފައިސާ ޗާޕު ނުކުރާނެ ކަމުގެ ވައުދު ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. ފައިސާ ޗާޕު ކުރުން ހުއްޓާލުން ވީ ވަރަށް އުނދަގޫ ކަމަކަށް ކަމަށާއި، އެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ވެރިންގެ ތައުރީފު ލިބުނު ކަމަށް ރައީސް ވިދާޅުވިއެވެ.
“ ކޮން ސަރުކާރަކުންތޯ އެފަދަ (ފައިސާ ޗާޕުކުރުން) ކަމެއް ކުރާނީ؟ ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް ކުރިމަތީގައި އޮއްވާ އެއްވެސް ސަރުކާރަކުން އެފަދަ ކަމެއް ނުކުރާނެ “ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމުނު އިރު، ސޮވެރެއިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް) ގައި ހުރި ފައިސާ އެމްޑީޕީގެ ސަރުކާރުން ބޭނުން ކުރަމުން ގޮސް އެ ފަންޑުގައި ބާކީ ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށެވެ. އަދި މި ސަރުކާރު އައިސް 7 މަސް ތެރޭގައި އެ ފަންޑަށް 52 މިލިއަން ޑޮލަރު އިތުރުކޮށް، ސޮވެރެއިން ޑިވެލޮޕްމެންޓު ފަންޑު ޖުމްލަ 54 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށް ރައީސް ވަނީ ރޭ އިއުލާނު ކުރައްވާފައެވެ. އަދި އެ ފަންޑުގެ ޖުމްލަ މި އަހަރު ނިމޭ އިރު 100 މިލިއަން ޑޮލަރަށް އެރުވުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނާއި ވާދަވެރި ބޭފުޅުން މިފަދަ ކަންކަމުގެ ހަޤީގަތް ފޮރުވަން ބޭނުންވާ ކަމަށެވެ.
“ އަޅުގަނޑު އެދެން މިރޭ މި ހުޅުވުނު ޖަގަހައިގެ ބޭނުން ޕީއެންސީގެ މެމްބަރުން ހެޔޮގޮތުގައި ހިއްޕެވުމަށް. ކޮންމެ ރެޔަކުވެސް ޕޯޑިއަމްގައި ރައްޔިތުންނަށް މިކަންކަމުގެ ހަޤީގަތް ހާމަކޮށްދެއްވާ “ ޕީއެންސީގެ އާންމު މެމްބަރުންގެ ކިބައިން ރައީސް އެދިލެއްވިއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ނިސްބަތް ކޮށް ރައީސް ވިދާޅުވީ، 2023 ވަނަ އަހަރު އައި އިރު ރާއްޖޭކެ ކަންކަން ބޮއްސުންލައިގެން ގޮސް، ކަންކަން ހަމަ މަގުން ނެއްޓި، މިނިވަންކަން ބީވެގެން ގޮސް، އިޤްތިސާދީ ފުން އަނދަވަޅަކަށް ރާއްޖެ ވެއްޓިފައިވާ ކަމަށެވެ.
“ ރާއްޖޭގެ ކަންކަން ބޮއްސުންލައިގެން ގޮސްފައި އޮތުމުން، ރާއްޖެ އަނބުރާ އިސްލާހުގެ މަގަށް ގެންދިޔުމަށް 2023 ވަނަ އަހަރު ރައްޔިތުން ނިންމީ ވަރަށް ވިސްނުންތެރި ނިންމުމެއް. ދިވެހިން އިހުތިޔާރު ކުރީ ދިވެހީންގެ ރާއްޖޭގެ މަގު “ ރައީސް ވިދާޅުވިއެވެ.

ރޭ މާލޭގައި ޕީއެންސީގެ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ. އަލަށް ސޮއި ކުރި މެމްބަރުންގެ ފޯމާއި ހަވާލުވެޑައިގަތީ ޕާޓީގެ ރައީސް ޑރ. މުއިއްޒު އެވެ.



